ތޫނިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް ފުލުހުން ވަދެއްޖެ

ތޫނިސްގެ ޕާލިމެންޓު ކައިރީގައި ސިފައިން -- ފޮޓޯ: އޭއެފްޕީ

ތޫނިސް (ޖުލައި 26): ތޫނިސްގެ ވެރިރަށުގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް މިއަދު އެގައުމުގެ ފުލުހުންތަކެއް ވަދެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފިއެވެ.

ތޫނިސްގައި ހަރަކާތްތެރިވާ އަލް ޖަޒީރާގެ ނޫސްވެރިން ބުނި ގޮތުގައި އެ އޮފީހަށް ވަދެފައި ވަނީ އާދައިގެ ހެދުމުގައި، ހަތިޔާރު ހިފައިގެން ތިބި 20 ވަރަކަށް ފުލުހުންނެވެ. އަދި އެމީހުން އޮފީސް ތެރެއަށް ވަދެ، ހުރިހާ މުވައްޒަފުން ބޭރަށް ދިޔުމަށް އެންގިއެވެ.

ތޫނިސްގައި ހުންނަވާ އަލް ޖަޒީރާގެ ބިއުރޯ ޗީފް ލުތުފީ ހައްޖީ ވިދާޅުވި ގޮތުގައި އެ އޮފީހަށް ފުލުހުން ވަންނަން އުޅޭ ކަމުގެ ނޯޓިސްއެއް ކުރިން ނުދެއެވެ. އަދި އޮފީސް ފާސް ކުރުމަށް ފުލުހުންގެ އަތުގައި ކޯޓު އަމުރެއްވެސް ނެތެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން ވަނީ ތޫނިސްގެ ފުލުހުން އަލް ޖަޒީރާގެ އޮފީހަށް ވަނުމާއި ސިޔާސީ މައްސަލަތަކުގެ ތެރެއަށް މީޑިއާތައް ވެއްދުން ކުށްވެރި ކޮށްފައެވެ.

ތޫނިސްގެ ފުލުހުން އެފަަދައިން އަމަލުކޮށްފައި ވަނީ އެގައުމުގެ ބޮޑުވަޒީރު ހިޝާމް މަޝީޝީ އާއި އެގައުމުގެ ޕާލިމެންޓާ ދެކޮޅަށް އިއްޔެ ބޭއްވި ބޮޑު މުޒާހަރާތަކަށް ފަހު މަޝީޝީ މަގާމުން ދުރު ކުރި ފަހުންނެވެ. މަޝީޝީ މަގާމުން ދުރު ކުރުމުގެ އިތުރުން ރައީސް ގައިސް ސައީދު ވަނީ ޕާލިމެންޓު ސަސްޕެންޑު ކުރައްވާފައެވެ.

ސައީދު ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތައް އެޅީ ތޫނިސްގައި "އިޖުތިމާއީ ސުލްހަ" ގާއިމުކުރެވެންދެނެވެ. އަދި އޭނާ އާ ބޮޑުވަޒީރަކާ އެކު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

މަޝީޝީ މަގާމުން ދުރު ކުރުމުން ތޫނިސްގެ ގިނަ އަދަދެއްގެ މީހުން މަގުތަކަށް އެއްވެ އުފާ ފާޅު ކުރިއެވެ. ނަމަވެސް ރައީސާ އިދިކޮޅު ފަރާތްތަކުން ވަނީ އެއީ ބަޣާވާތެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން ޕާލިމެންޓުގެ ރައީސް ރާޝިދުލްޣައްނޫޝީ ވަނީ އެކަކަށް ހުރިހާ ބާރުތައް ދިނުމާ އޭނާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އަދި ސައީދުގެ ނިންމެވުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައްވާފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ތޫނިސްގެ ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ފަހު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ސައީދާއި މަޝީޝީއާ ދެމެދުގައި މީގެ ކުރިންވެސް ސިޔާސީ ކޯޅުންތައް އުފެދިފައިވެއެވެ. އަދި އޭގެ ސަބަބުން މިނިސްޓްރީތަކަށް މީހުން އައްޔަން ކުރުމާއި އިގުތިސާދީ އަދި އިޖުތިމާއި މައްސަލަތައް ހައްލު ކުރުމަށް ހުރަސް އެޅިފައިވެއެވެ.

މަޝީޝީ އާއި އޭނާ ނިސްބަތްވާ ނަހްޒާ ޕާޓީގެ އަގުލަބިއްޔަތު އޮންނަ ޕާލަމެންޓު އުވާލުމަށް ގޮވާލާ ތޫނިސްގައި މުޒާހަރާތައް ބޭއްވި މީހުން ވަނީ ވެރިކަން ކުރާ ޕާޓީއަށް ގައުމުގެ އިގުތިސާދު ރަނގަޅަށް ނުބެލެހެއްޓޭ ކަމަށާއި ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލް ނުކުރެވުމާ ބެހޭ ގޮތުންވެސް ރުޅިގަދަވެފައިވާ ކަމަށް ބުނެފައެވެ.

ތޫނިސްއިން މިހާތަނަށް 569،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 18,600 މީހަކު މަރުވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް