ގައުމުގެ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރެއް ސަރުކާރުގައި ނެތް: އިދިކޮޅު

ފެބްރުއަރީ 12، 2021: އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމުގައި އަމިއްލަ ވެރިކަމެއް ކުރިނަމަވެސް، ރާއްޖޭގެ ކަންކަން ނިންމުމުގެ އެންމެ ފަހު ބަސް ބުނުމުގެ ހައްގު ދިވެހިންގެ އަތުން ގެއްލިގެން ގޮސްފައިވާކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިިވަންކަމަށް 56 އަހަރު ފުރުމުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ބުނީ މިނިވަންކަމަށް ބުރޫ އަރާނެ އެތައް ކަމެއް މިއަދު މި ގައުމުން ފެންނަމުން އަންނަކަމަށެވެ. އަދި މިއީ ގައުމުދެކެ ލޯބިވާ އެތައް ރައްޔިތެއްގެ ލޮލުން ކަރުނަ އޮހޮރޭ ވަރުގެ ހިތްދަތިކަމެއް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށްވުރެ، މިގައުމުގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތުންނަށް ދެވޭ ޝަރަފާއި އިއްޒަތް އިތުރުވެ، ޒަމާނުއްސުރެ ދިވެހިން ގަބޫލުކޮށް ނިންމާފައިވާ އެތައް ކަމެއް ބަދަލު ކުރުމަށް މަޖުބޫރުވާ ހާލަތަކަށް ގައުމު ވަނީ ވެއްޓިގެން ގޮސްފައި," އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އަދި ރާއްޖޭގައި އެހެން ދީންތަކަށް މަގުފަހިކުރަން އުޅޭކަމަށްވެސް އެ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.

"މިކަންކަމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތާމަކޮށް ދެކޮޅު ހަދާ ކަންކަން. ދިވެހިން އެދެނީ މިގައުއުމުގެ ފަހުރުވެރި ކާބާފައިންގެ ބުރަ މަސައްކަތުން މިގައުމު މިއަދާއި ހަމައަށް ގެނެސްދެވިފައިވާ ހާލަތުގައި އެއަށް އެއްވެސް އުނި އިތުރެއް ނުގެނެސް އަންނަން އޮތް ޖީލު ތަކާއި ހަމައަށް ގައުމު ގެންގޮސްދިނުމަށް," އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ހަމައެއާއެކު އެކަން އެ ގޮތަށް ކުރުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގަންނަވާނެކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ. އަދި އެ ކޯލިޝަން ދެމި އޮންނާނީ އެގޮތުގެ މަތީގައި ކަމަށާއި ދިވެހި ރައްޔިތުން އެދޭ ގޮތަށް ގައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ހުރިހާ ކަމަކާއި ދެކޮޅަށް މަސައްކަތް ކުރާ ކޯލިޝަނެއްގެ ގޮތުގައި އެ ކޯލިޝަން ދެމި އޮންނާނެކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިވަންކަމަށް ގެއްލުންވާނެހެން ސަރުކާރުން ހިންގަމުން އަންނަ ކަންކަން ހުއްޓާލުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް