ތޫނިސް (ޖުލައި 26): ޓޫނިސްގެ ސަރުކާރުން ކޮވިޑް-19 ބަލިމަޑުކަމާ ކުރިމަތިލި ގޮތާ މެދު ރައްޔިތުން ނުރުހުންވެ، ބޮޑެތި މުޒާހަރާތައް ބޭއްވި ފަހުން އެގައުމުގެ ބޮޑުވަޒީރު ހިޝާމް މަޝީޝީ މަގާމުން ދުރުކޮށްފިއެވެ.
ތޫނިސްގައި އިއްޔެ ބޭއްވި މުޒާހަރާތަކުގައި އެގައުމުގެ އެކި ސަރަހައްދުތަކަށް އެތައް ހާސް މީހުން އެއްވެ، މަޝީޝީގެ އިސްތިއުފާއަށާއި އޭނާ ނިސްބަތްވާ ނަހްޒާ ޕާޓީގެ އަގުލަބިއްޔަތު އޮންނަ ޕާލަމެންޓު އުވާލުމަށް ގޮވާލިއެވެ. އެ މުޒާހަރާތަކުގެ ބައިވެރިން ވަނީ ވެރިކަން ކުރާ ޕާޓީއަށް ގައުމުގެ އިގުތިސާދު ރަނގަޅަށް ނުބެލެހެއްޓޭ ކަމަށާއި ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމަށް ބުނެފައެވެ. އަދި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލް ނުކުރެވުމާ ބެހޭ ގޮތުންވެސް ރުޅިގަދަވެފައިވާ ކަމަށް ބުނެފައެވެ.
އެ މުޒާހަރާތަކަށް ފަހު ރައީސް ގައިސް ސައީދު ވަނީ ތޫނިސްގައި "އިޖުތިމާއީ ސުލްހަ" ގާއިމުކުރެވެންދެން ބޮޑުވަޒީރު މަގާމުން ދުރުކޮށް، ޕާލަމެންޓު ސަސްޕެންޑު ކުރައްވާފައެވެ. އަދި ގައުމުގައި އިތުރަށް ހަމަނުޖެހުން ހިންގާ ބަޔަކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުން ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
"އަޅުގަނޑުމެން މިގޮތަށް ނިންމީ... ތޫނިސްގައި އަލުން އިޖުތިމާއީ ސުލްހަ ގާއިމުކޮށް، ދައުލަތް ސަލާމަތް ކުރެވެންދެން،" ސައީދު ވިދާޅުވިއެވެ.
ސައީދު އެފަދައިން އިއުލާން ކުރެއްވުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން މަގުތަކަށް އެއްވެ އުފާ ފާޅު ކުރިއެވެ. ނަމަވެސް ރައީސާ އިދިކޮޅު ފަރާތްތަކުން ވަނީ އެއީ ބަޣާވާތެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން ޕާލިމެންޓުގެ ރައީސް ރާޝިދުލްޣައްނޫޝީ ވަނީ އެކަކަށް ހުރިހާ ބާރުތައް ދިނުމާ އޭނާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އަދި ސައީދުގެ ނިންމެވުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައްވާފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ތޫނިސްގެ ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ފަހު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ސައީދާއި މަޝީޝީއާ ދެމެދުގައި މީގެ ކުރިންވެސް ސިޔާސީ ކޯޅުންތައް އުފެދިފައިވެއެވެ. އަދި އޭގެ ސަބަބުން މިނިސްޓްރީތަކަށް މީހުން އައްޔަން ކުރުމާއި އިގުތިސާދީ އަދި އިޖުތިމާއި މައްސަލަތައް ހައްލު ކުރުމަށް ހުރަސް އެޅިފައިވެއެވެ.
ތޫނިސްއިން މިހާތަނަށް 569،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 18,600 މީހަކު މަރުވެފައިވެއެވެ.