ތުރުކީ އިން އެސް-400ގެ މިސައިލްތަކެއް ގަތުމުން އެމެރިކާގެ ނުރުހުން އެ ގައުމަށް އަމާޒުވެއްޖެއެވެ.
ރަޝިޔާގެ އުފެއްދުމެއްކަމަށްވާ އެސް-400 މިސައިލަކީ އެމެރިކާގެ އެފް-35 ފައިޓާ ޖެޓުތަކަށް ވުރެ ބާރުގަދަ މިސައިލްތަކެކެވެ. މި މިސައިލްތަކުން އެމެރިކާގެ ޖެޓުތަކަަށްވެސް އޭގެ ނުރައްކާ ފޯރާނެއެވެ.
ތުރުކީއިން މި މިސައިލްތައް ގަތުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން އެންމެ ފަހުން ބޭއްވި ނޭޓޯގެ ސަމިޓްގައި ރައީސް ޖޯ ބައިޑަން ވަނީ ތުރްކީގެ ރައީސް އުރްދުޣާންއާ މިކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
ބައިޑަން ވިދާޅުވީ މި މިސައިލްތައް ގަތުމުގެ ސަބަބުން ތުރުކީއާމެދު "ޝެންކްޝަންސް އެކްޓް" ގެ ދަށުން އެމެރިކާގެ ސަލާމަތީ ބާރުތަކަށް ނުރައްކާވާފަދަ ކަމެއްކުރުމުން ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި އިތުރު އެއްވެސް ހަތިޔާރެއް ގަނެފިނަމަ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.
މިކަމާބެހޭ ގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވިދާޅުވީ ބައިޑަން އާއެއްކޮށް ބޭއްވި ބައްދަލުވުމުގައި ތުރުކީގެ ފަރާތުން ހުރި ކަންބޮޑުވުންތައްވެސް ހިއްސާ ކޮށްފައިވާނެކަމަށެވެ.
"އެސް400 މިސައިލްތަކާއި އެފް-35 ޖެޓްކުގެ މައްސަލައިގައި ތުރުކީން އެހެންގޮތަކަށް ކުރިއަށް ނުދާނެ ވާހަކަ އަޅުގަނޑު ބައިޑަން އަރިހުގައި ދެންނެވިން. އެފް-35 ޖެޓްތައް ހޯދުމަށް އަޅުގަނޑުމެންގެ ފަރާތުން ކުރަންހުރި ކަމެއްވާނީ ކޮށްފައި. ދޭންވާ ފައިސާވެސް ދީފައި،" އުރްދުޣާން ވިދާޅުވިއެވެ.
ތުރްކީއިން އެސް-400 މިސައިލްތައް ގަތުމާއެކު ދެ ގައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ނޭޓޯއާ ތުރުކީއާއި އޮތް ގުޅުންވެސްވަނީ ހީނަރުވެފައެވެ.