އެރިޔަދޫ އައިލެންޑް ރިސޯޓު ވިއްކާލުމުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން މިިދިޔަ އާދިއްތަ ދުވަހު ނެރުނު ވަގުތީ އަމުރުގައި ވަނީ އެރިޔަދޫ ރިސޯޓު ވިއްކާލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗުން ޖުލައި 11 ވަނަ ދުވަހު ކުރި އިއުލާނަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފައެވެ.
އެ އިއުލާނަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން އަންގާފައި މިވަނީ އެރިޔަދޫ ރިސޯޓު ހިމެނޭ ގޮތަށް މުދާތަކެއް ރަހުނުކުރުމަށްފަހު ކްރިސްޓަލް ލެގޫން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން އެސްބީއައި މާލެ ބްރާންޗުން ނަގާފައިވާ ދެ ލޯނެއްގެ މައްސަލައިގައި، ލޯނާއި ގުޅިގެން ރަހުނުކުރެވޭ މުދާ ވިއްކާލުމަށް އަމަލުކުރަންޖެހޭނީ އެފަދަ މުދާ ވިއްކާލުމުގައި އަމަލުކުރަން އޮންނަ އިޖުރާއަތްތަކާއި އެއްގޮތަށްކަމަށް ކަނޑައަޅައިދިނުމަށް އެދި މި އަހަރު ތެރޭ އެސްބީއައިގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގައެވެ.
މުދާ ވިއްކާލެވޭނީ އިޖުރާއަތްތަކާ އެއްގޮތަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުވާކޮށްފައިވަނީ ކްރިސްޓަލް ލެގޫން ކުންފުނިން ނެގި ދެ ލޯނަށް ގެރެންޓީ ދިން 10 ފަރާތުގެ ތެރެއިން އެއް ފަރާތްކަމުގައިވާ ޕްލެޓިނަމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ކްރިސްޓަލް ލެގޫން އިން ނެގި ދެ ލޯނަކީ 2006 ވަނަ އަހަރު އެސްބީއައިއިން ނެގި 10 މިލިއަން ޑޮލަރުގެ ލޯނަކާއި 2008 ވަނަ އަހަރު ނެގި 64 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެ މައްސަލައިގައި އެ ލޯނަށްވާ ފައިސާ ކްރިސްޓަލް ލެގޫން އިން ދައްކާފައިނުވާކަމަށް ސިވިލް ކޯޓުން 2015 ވަނަ އަހަރު އެ މައްސަލައާއި ގުޅިގެން ކުރި ދައުވާގެ މައްސަލައިގައި ވަނީ ބުނެފައެވެ.
އަދި އެ ފައިސާ ދެއްކުމަށް އަށް މަސް ދުވަހުގެ މުހުލަތެއް ދީ އެ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެރިޔަދޫ ރިސޯޓު ހިމެނޭ ގޮތަށް ރަހުނުކޮށްފައިވާ މުދާ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ އެސްބީއައިއަށް އެ މައްސަލައިގައި ދީފައެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
އެ ނިންމުމާ އެއްގޮތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ވަނީ ޖުލައި 11 ވަނަ ދުވަހު އެރިޔަދޫ ރިސޯޓު ނީލަމަށް ލައިފައެވެ. ނީލަމަށް ލައިފައިވަނީ ރިޒާވް އަގެއްގެ ގޮތުގައި އެންމެ ދަށްވެގެން 28 މިލިއަން ޑޮލަރު ކަނޑައެޅުމަށްފަހުއެވެ.
ސިވިލް ކޯޓަށް އިޖުރާއަތާއި އެއްގޮތަށް ރަހުނުކޮށްފައިވާ މުދާ ވިއްކުމަށް ކަނޑައަޅައިދިނުމަށް ޕްލެޓިނަމް އިން ހުށަހެޅި މައްސަލައިގައި އެ ކޯޓުން އާދިއްތަ ދުވަހު ނެރުނު ވަގުތީ އަމުރުގައި ވަނީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަވާންޖެހޭ ޝަރުއީ އުންސުރުތައް ފުރިހަމަވާކަމަށް ބުނެފައެވެ. އަދި ޕްލެޓިނަމް އިން ހުށަހަޅާފައިވާ އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެރިޔަދޫ ރިސޯޓު ވިއްކާލުމުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މައްޗަށް އަމުރުކޮށްފައެވެ.