މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ކަންތައްތަކުގެ ތެރެއިން ގަރާޖުތަކާ ބެހޭ ހުރިހާ މަސްއޫލިޔަތެއް ޓްރާންސްޕޯޓު މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކުރީ މަޝްވަރާ ނުކޮށް ކަމަށް ބުނެ އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އޮޕަރޭޓުކުރާ ގަރާޖުތަކަށް ހުއްދަ ދިނުމާއި، ގަރާޖުތަކުގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖު ސިޓީ ދޫކުރުމުގެ ހުރިހާ މަސްއޫލިއްޔަތެއް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު އޮތީރިޓީން ވަނީ އިއުލާނުކޮށްފައެވެ.
ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ގަރާޖުތަކަށް ހުއްދަ ދޫކުރުމުގެ ޕްރޮސެސްގެ ތެރެއިން ހުރިހާ ހިދުމަތެއް ޓްރާންސްޕޯޓު މިނިސްޓްރީން ދިނުމަށް، ނުވަތަ ހުރިހާ ހިދުމަތެއް ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެދި މިނިސްޓްރީއަށް ސިޓީ ފޮނުވި ކަމަށެެވެ.
ނަމަވެސް ގަރާޖުތަކުގެ މަސްއޫލިއްޔަތު ސިޓީ ކައުންސިލާ ހަވާލުކުރި ކަމަށް މިނިސްޓްރީން އިއުލާނުކުރީ ކައުންސިލުން ސިޓީ އަށް ޖަވާބު ނުދީ، ކައުންސިލާއެކު އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށް ނަރީޝް ވިދާޅުވިއެވެ.
"މާލެ ސިޓީގެ ހުރިހާ ކައުންސިލަރުންނަށްވެސް އަދި އިދާރީ މުވައްޒަފުންނަށްވެސް އެ އިއުލާނާ ގުޅޭ މައުލޫމާތު ލިބުނީ އެކިއެކު ބޭބޭފުޅުންގެ ފޯނުކޯލުން. ޓްރާންސްޕޯޓު މިނިސްޓްރީން އެއްވެސް ކަހަަލަ ސިޓީއެއް އަދި މަޝްވަރާއެއް, އެކެއް އޮގަސްޓުގަ އަޅުގަނޑުމެންނަށް ހިދުމަތް ބަދަލުކުރަން ނިންމި ކަމަށް އިޝާރާތެއްވެސް ކޮށްފައެއް ނެތް، އަދި ސިޓީއެއްވެސް ފޮނުވާފައެއް ނެތް." ނަރީޝް ވިދާޅުވިއެވެ.
އެކަންކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއާ ބައްދަލުކޮށް ސިޓީ ކައުންސިލުގެ ކަންބޮޑުވުންތައް މިހާރު ހިއްސާކޮށްފައިވާ ކަަމަށް ނަރީޝް ވިދާޅުވިއެވެ.
އެގޮތުން ދައުލަތުގެ ހިދުމަތެއް އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލުކުރާއިރު އަމަލުކުރަންޖެހޭ އުސޫލަށް ބެލުމެއް ނެތި ޓްރާންސްޕޯޓު މިނިސްޓްރީން ސިޓީ ކައުންސިލާ ހިދުމަތް މަތިކުރި އިރު، ސިޓީ ކައުންސިލުގައި އެކަން ކުރާނެ މުވައްޒަފުންނާ ވަސީލަތްތައް ނެތްކަން ޓްރާންސްޕޯޓު މިނިސްޓްރީއާ ހިއްސާކޮށްފައިވާކަމަށް ނަރީޝް އިތުރަށް ވިދާޅުވިއެވެ.