މާރުކޭޓް ގޮޅިތަކަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އޭޕްރީލް 28، 2021: މަސް މާރުކޭޓު ސަރަހައްދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މާރުކޭޓު ގޮޅިތައް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ފުރަތަމަ ހުޅުވާލީ މި މަހުގެ 12 އިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގޮޅިތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކުރީ، ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިއުލާނުން ދެވިފައިނުވާތީ ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ އެކަމަކީ ހަގީގަތުގައިވެސް ދަތިވާނެކަމެއްކަމަށް ކައުންސިލަށް ގަބޫލުކުރެވޭތީ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން ޓެކްސް ދެއްކިކަމުގެ ލިޔުން ދޫކުރުމުގައި މުއްދަތެއް ނަގާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.

މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ.

ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ހާއްސަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ހާއްސަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ހާއްސަ 35 ގޮޅިއާއި، ގަޑިކަމަރު ވިއްކުމަށް ހާއްސަ 19 ގޮޅިއެވެ.

ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000 ރުފިޔާއެވެ. ގޮޅިތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން ތިން އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި އެއް އަހަރު ވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.

comment ކޮމެންޓް