ސައްހަ ނޫން ހޮޓެލް ބުކިން ލިޔެކިޔުން ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ފަތުރުވެރިން ހުއްޓުވައިފިއެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައްހަ ނޫން ހޮޓެލް ބުކިންގް ލިޔެކިޔުން ހިފައިގެން ރާއްޖޭގެ ބޯޑަރުން އެތެރެވާން އުޅުނު 248 މީހަކު އިއްޔެ ހުއްޓުވާފައިވާ ކަމަށެވެ.
އަދި އެމީހުންނަށް ރާއްޖެ އެތެރެވުމަށް ހުއްދަ ނުދޭކަމަށްވެސް އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވިއެވެ.
"މި އޮޅުވާލުން ހޯދި އަޅުގަނޑުމެންގެ [އިމިގްރޭޝަން] އޮފިސަރުންނަށް ޝުކުރިއްޔާ. ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތޭބޭނެކަމުގެ ޔަގީންކަން އަރުވަން," ހަނަފީ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިތާ އެއް އަހަރު އިއްޔެ ފުރުނު އިރު, ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމާއެކު އެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ދެ މަހެއްހާ ދުވަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީވެސް އިއްޔެއެވެ.
އިއްޔެ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ދެކުނު އޭޝިއާ ގައުމުތަކުގެ ފަތުރުވެރިންނަށް މިވަގުތަށް ދެވޭނީ ހަމައެކަނި ރިސޯޓުތަކަށެވެ.
ރާއްޖެއަށް ޗުއްޓީއަށް އަންނަ ފަތުރުވެރިންގެ އަތުގައި ހޮޓެލް، ރިސޯޓު ނުވަތަ ގެސްޓްހައުސް ބުކިންއެއް އޮންނަން ޖެހޭ އިރު, ވެކްސިންގެ ދެ ޑޯޒު ޖަހާފައިވީ ނަމަވެސް ނެގެޓިވް ޕީސީއާރު ޓެސްޓެއްވެސް އޮންނަން ޖެހެއެވެ.