ރައީސް ސޯލިހު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި

ރައީސް ސޯލިހުގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން މިއަދު ހަވީރު ވަނީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ހަނިމާދޫ އަދި ކުމުންދޫއަށް ރައީސްގެ ދެކަނބަލުން ވަޑައިގަންނަވާނެއެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ކުޅުދުއްފުށި ސިޓީއަށެވެ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ސިޓީގެ ބައެއް ތަންތަނަށް ރައީސް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އެ ސިޓީގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ރައީސް ސޯލިހު މި ދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށި ސިޓީއަށްފަހު ދެން ރައީސް ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަމަޖެހިފައިވަނީ ހދ. ކުމުންދޫއަށެވެ. އެރަށުގައިވެސް ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމާއި، ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ސޯލިހު ބައްދަލުކުރައްވާނެއެވެ. ކުމުންދޫއަށް ފަހު ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ ހަނިމާދޫއަށެވެ.

ހަނިމާދުއަށް ކުރައްވާ ޒިޔާރަތުގައި އެ ރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި، ބައެއް މަޝްރޫއުތައް ކުރިޔަށްދާ ގޮތް ރައީސް ބައްލަވާނެއެވެ. އަދި އެރަށުގެ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް މި ދަތުރުފުޅުގައި ރައީސް ސޯލިހު ފަށްޓަވައިދެއްވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަނިމާދޫގައިވެސް އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ މީހުން އެއްވެ ނުހެދުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ.

comment ކޮމެންޓް