ބުދުދީން ޒަމާނުގެ އާސާރުތަކެއް ނިލަންދޫއިން ފެނިއްޖެ

ފ.ނިލަންދޫ އިން ފެނުނު އާސާރީ ތަކެތި، ގާގަނޑު

ރާއްޖޭގައި މީހުން ބުދުދީނަށް އުޅުނު ޱޒަމާނުގެ އާސާރުތަކެއް ފ. ނިލަންދޫއިން ފެނިއްޖެއެވެ.

ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު "ސަން"އަށް ވިދާޅުވީ މި ތަކެތި އެންމެ ފުރަތަމަ ފެނިފައިވަނީ އެ ރަށަށް ޗުއްޓީއަށް އައިސް އުޅުނު މީހަކަށް އިއްޔެ ކަމަށެވެ.

އަލީ އަހްމަދު ވިދާޅުވީ އެ އަސާރީ ތަކެތި ފެނިފައިވާ ސަރަހައްދަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.

"އެ ސަރަހައްދަކީ އަނެއްހެން ސަރުކާރުންވެސް ހިމާޔަތްކޮށްފަ އޮންނަ ސަރަހައްދެއް. އާސާރެއް. އެ ސަރަހައްދުގައި ހުންނާނެ ކުރީ ޒަމާނުގައި ނަގާފައިހުރި ގާ ތަކަކާ އެއްޗެހި. އެގޮތަށް ހުރި ގާ ފުންޏެއްގެ ތެރެއިން. ފޮއްޓެއް ވައްތަރަށް ހުރި ދެ ގާގަނޑު ފެނިފައިވަނީ ދެން އޭގައި މިހުންނަނީ އެވޭލާ ޒަމާނުގެ ކުރެހުންތައް ވެސް ކުރަހާފައި," އޭނާ ވިދާޅުވިއެވެ.

އަހްމަދު އިތުރަށް ވިދާޅުވީ މިހާރު އެ ތަކެތި ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

ނިލަންދޫއިން ފެނުނު އާސާރީ ތަކެތި

"އެ ފެނުނު ބޭފުޅާ ޓުވީޓްކޮށްލީމަ ރާއްޖެއިން ބޭރުގެ ބޭފުޅަކު އޮތް ބުނެފައި އެއީބުދު ފައްޅިތައް އަޅާއިރު ފައުންޑޭޝަނުގެ ދަށުގައި ވުޑްލޮކް ބޭނުމަށް ފައުންޑޭޝަން ދަށުގައި ބަހައްޓާ އެއްޗެއްކަމަށް." އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި ވަގުތު ފެނިފައިވަނީ އެ ގާގަނޑުގެ އިތުރުން ރަން އަޅާ ރައްކާކުރާ ފޮށްޓެއްކަމަވެސް އަހުމަދު ވިދާޅުވިއެވެ.

ނިލަންދޫއިން ފެނުނު އާސާރީ ތަކެތި

ކައުންސިލްގެ ރައީސް ވިދާޅުވީ އާންމުގޮތެއްގައި އެ ސަރަހަައްދުން ހޯދިފައިވަނީ އިހުޒަމާނުގައި ގަލުން ތައްޔާރުކޮށްފައި ހުރި ތަފާތު އެކި ތަކެތިކަމަށެވެ.

"އެ ސަރަހައްދަކީ ކުރީގެ ދަރުމަވަންތަ ރަސްގެފާނު ބިނާ ކުރެއްވި ތަނެއް. މިހާރު ގާތްގަނޑަކަށް 1,100 އަށް ވުރެ ގިނަ އަހަރުގެ ތާރީހެއް އެތަނާ ގުޅިފައިވަނީ," އަހްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި ލިޔެވިފައިވާ ވާހަކަތަކަށް ބަލާއިރު ނިލަންދޫއަކީ ބުދު ދީނުގައި އެންމެ ގިނަ ދުވަހު ދެމިތިބި މީހުން އުޅުނު ރަށެވެ. އަދި ރާއްޖޭގެ ރަސްކަމުގެ ފަރާތުން އެންމެ ފަހުން ދީނަށް ވެއްދި ބައެއްގެ ގޮތުގައި ވެސް ތާރީހުގައި ފާހަގަވެފައިވަނީ ފ. ނިލަންދޫގެ އޭރުގެ ރައްޔިތުންނެވެ.

comment ކޮމެންޓް