ކޮވިޑްގެ ރާޅުތަކާއެކު މެލޭޝިއާގެ ސިއްހަތާބެހޭ މުޅި ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއްޖެ

މެލޭޝިއާގައި ކޮވިޑް ޓެސްޓް ހެދުމަށް ސާމްޕަލް ނަގަނީ

ކުއާލަލަންޕޫރު (ޖުލައި 15): މެލޭޝިއާގައި ޑެލްޓާ ވޭރިއަންޓް ފެރެމުންދާ މިންވަރު އަދިވެސް ކޮންޓްރޯލް ނުވާތީ އާއި ކޮވިޑްގެ ރާޅުތަކާއެކު ސިއްހަތާބެހޭ މުޅި ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

މެލޭޝިއާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން ކޮވިޑް-19 ގެ ރާޅުތަކާއެކު އެގައުމުގެ ސިއްހަތާބެހޭ މުޅި ނިޒާމުވަނީ ބަލިކަށިވެފައެވެ. މިއާއެކު ސިއްހަތާބެހޭ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ފަށާފައެވެ.

ސިއްހަތާބެހޭ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް މެލޭޝިއާއިން އެޅުމަށް އިއުލާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޮވިޑް ބަލިމީހުންނަށް އާންމު ހޮސްޕިޓަލްތަކުން ފަރުވާދިނުން ހުއްޓާލައި ކޮވިޑް ބަލި މީހުންނަށް ފަރުވާދިނުމަށް ވަކި ހޮސްޕިޓަލްތަކެއް ހަމަޖައްސައި އެތަންތަނަށް އެނދާއި އޮކްސިޖަން އާއި ވެންޓިލޭޓަރުފަދަ ވަސީލަތްތައް އިތުރުކުރުން ހިމެނެއެވެ.

ކޮވިޑްގެ ރާޅުތަކާއެކު މެލޭޝިއާގައި ކޮވިޑް ނޫންބަލިތަކަށް ދެވޭ ސަމާލުކަންވެސް ވަނީ ކުޑަވެގެން ގޮސްފައެވެ. މިއާއެކު ކޮވިޑް ނޫންބަލިތައް ތަހައްމަލް ކުރަންޖެހޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާތީ ކޮވިޑް ނޫން ބަލިތަކަށް ފަރުވާހޯދާމީހުންގެ ތެރެއިން ގިނަބަޔަކު ޕްރައިވެޓް ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށްވެސް މެލޭޝިއާގެ ސިއްހަތާބެހޭ ވުޒާރާއިންވަނީ ނިންމާފައެވެ.

މެލޭޝިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ އެގައުމުގައި މިހާރު އެންމެ ބާރަށް ފެތުރެމުންދަނީ ކޮވިޑްގެ ޑޭލްޓާ ވޭރިއަންޓް ކަމަށާ އެކަމުގެ ސަބަބުން ބައެއް ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކުގައި އެނދާއި ވެންޓިލޭޓަރުގެ އިތުރުން އޮކްސިޖަންވެސް ކަންބޮޑުވާ މިންވަރަކަށް މަދުވެފައިވާ ކަމުގައެވެ.

މެލޭޝިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުން މިދަނީ ކޮވިޑް ވެކްސިން އާންމުންނަށް ދޭ މިންވަރު ހަލުއި ކުރުމުގެ އިތުރުން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް މުޅި މެލޭޝިއާގައި އިތުރަށް ހަރުކަށި ކޮށްފައި ވަނިކޮށެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް މެލޭޝިއާގެ ސްޓޭޓްތަކުގައި އެޅި ހަރުކަށި ފިޔަވަޅުތައް ބައެއް ސްޓޭޓްތަކުގައި ކާމިޔާބު ނަމަވެސް ކުއާލަލަމްޕޫރާއި ސެލަންގޯ ގެ ހާލަތު އަދިވެސް ގޯސްކަމުން އެދެ ސްޓޭޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް އެހެން ސްޓޭޓްތަކަށް ބައެއް ލުއިތައްވަނީ ދީފައެވެ.

ތަފާސް ހިސާބުތައް ބުނާގޮތުން މެލޭޝިއާގެ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 70 ޕަސަންޓު މީހުންނަށް އެބަލިޖެހެނީ ކުއާލަލަންޕޫރުންނާއި ސެލަންގޯ އިންނެވެ. މެލޭޝިޔާގައި މިހާތަނަށް 900,000އާ ގާތްކުރާ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެބަލީގައި 600,000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މެލޭޝިއާގައި ކޮވިޑް ޖެހިގެން ގިނަބަޔަކު މަރުވާންފެށީ އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓް މެލޭޝިއާގައި ފެތުރެން ފެށިފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް