ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން (އޭކޭ)ގެ ނަން މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރުއެމް) ގެ ދަފްތަރުން އުނިކޮށްދޭން އެދި އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ހުށަހަޅައިފިއެވެ.
އެމްއާރުއެމްގެ ދަފްތަރުން އަބްދުﷲ ކަމާލުއްދީންގެ ނަން އުނިކުރަން އިލެކްޝަންސް އަށް ފޮނުވާފައި މިވަނީ، އޭކޭ އިސްވެ ހުންނަވައި ޕާޓީއެއް އުފައްދަން ހުށަހެޅި ފޯމު ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރުމާ ގުޅިގެންނެވެ.
ފޯމު ބާތިލުކޮށްފައި ވަނީ އަބްދުﷲ ކަމާލުއްދީން އެމްއާރުއެމް އިން ވަކިވީ ފަހުންވެސް އޭނާގެ ނަން އެމްއާރުއެމްގެ ދަފްތަރުގައި އޮތުމުންނެވެ.
އެމްއާރުއެމް އިން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމްއާރުއެމް އިން ވަކިކޮށްދިނުމަށް އެދި މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އަބްދުﷲ ކަމާލުއްދީން އެ ޕާޓީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން އެބޭފުޅާ އެމްއާރުއެމްގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިހާރު ސިޓީ ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި އަބްދުﷲ ކަމާލުއްދީންގެ އަމިއްލަ ޕާޓީއެއް އުފެއްދުމަށް އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މި މަހުގެ 11 ވަނަ ދުވަހުއެެވެ. ނަމަވެސް އެ ފޯމު މިހާރު ވަނީ ބާތިލު ކޮށްފައެވެ.
އަބްދުﷲ ކަމާލުއްދީން އިއްޔެ "ސަން"އަށް ވިދާޅުވީ ޕާޓީ ހަދަން އިލެކްޝަންސް އަށް ހުށަހެޅި އިރުވެސް އެބޭފުޅާއަކީ އެމްއާރުއެމްގެ މެންބަރެއް ނޫން ކަަމަށާއި އެހެންކަމުން ޕާޓީ އުފައްދަން އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެެވެ.
އެހެންނަމަވެސް ކުރިއަށް ދެވެން އޮތީ އަލުން އިލެކްޝަންސް އަށް ފޯމު ހުށަހަޅައިގެން ކަމަށް ވާނަމަ އެކަން ކުރާނެ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.