ރާއްޖޭގެ އާބާދީގެ 50 ޕަސަންޓު މީހުން ވެކްސިން ފުރިހަމަކޮށްފި

ވެކްސިން ޖެހުމަށްފަހު ވެކްސިން ކާޑު ދައްކާލަނީ: އެެޗްޕީއޭއިން މިއަދު ބުނި ގޮތުގައި ރާއްޖޭގެ އާބާދީގެ 50 ޕަސަންޓު މީހުން ވެކްސިންގެ ދެ ޑޯޒު ޖަހައި، ވެކްސިން ފުރިހަމަކޮށްފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 50 ޕަސަންޓު މީހުން ކޮވިޑް19 ވެކްސިން ޖަހައި, ވެކްސިން ފުރިހަމަކޮށްފި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 50 އިންސައްތައަށްވުރެ މައްޗަށް އަރައިފިކަމަށް އިއުލާންކުރެއްވީ މިހާރު ކުރިޔަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ފުރިހަމަކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. ރާއްޖޭގައި ވެކްސިން ޖަހަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

"ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު، މިހާރު ވެކްސިން ޖަހަންޖެހޭ އުމުރުފުރައިގައި، އެއީ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، 50 ޕަސެންޓަށްވުރެ ގިނަ މީހުންނަށް، މިހާރު އަޅުގަނޑުމެން، އިއްޔެއާ ހަމައަށް ވަނީ ދެ ޑޯޒް ޖަހައި ވެކްސިނޭޝަން ފުރިހަމަކުރެވިފަ. އެހެންވީމާ މިއީ ވަރަށް ބޮޑު އެޗީވްމެންޓެއް،" ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއިން ޖުމްލަ 242،370 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އޭގެ ތެރެއިން 6،755 މީހަކު ވަނީ އިއްޔެ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 3،556 މީހުންނާއި އަތޮޅުތެރެއިން 3،199 މީހެކެވެ.

ރާއްޖޭގައި މިހާރު އާންމުކޮށް ޖަހަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިން އަދި ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށި އަދި އެންމެ ގިނައިން ޖަހާފައިވާ ކޮވިޝީލްޑް ވެކްސިން މިދިޔަ މޭ މަސް ތެރޭ ހުސްވުމާއެކު ގިނަ ބަޔަކަށް ވަނީ ދެވަނަ ޑޯޒް ނުޖެހި މަޑުކުރަން ޖެހިފައެވެ.

އެހެންނަމަވެސް މި ޖުލައި މަސްތެރޭ ހެޔޮ އެދޭ ފަރާތަކުން ވަނީ ކޮވިޝީލްޑުގެ 60،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެއާއެކު އަނެއްކާވެސް ވެކްސިން ޖަހާ މީހުންގެ އަދަދު މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އަދި އެޗްޕީއޭއިން ދިން ލުއިތަކާއެކުގައި ވެކްސިން ޖަހަންދާ މީހުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. މިހާރު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހެނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.

comment ކޮމެންޓް