ހަފުތާއެއް ތެރޭ ޗިކުންގުންޔާގެ 117 ކޭސް، ޑެންގީގެ 40 ކޭސް

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާގެ 117 ކޭސް އަދި ޑެންގީގެ 40 ކޭސް ހަފުތާއެއް ތެރޭ ރިޕޯޓު ކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ، މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދެވެ.

މި ހިނގާ މޭމަހަށް ބަލާއިރު، މޭމަހުގެ ފުރަތަމަ ހަތަރު ދުވަހު ވެސް ޗިކުންގުންޔާގެ ކޭސްތައް ގިނަ އަދަދަކަށް ރިޕޯޓުކޮށްފައި ވެއެވެ. އެގޮތުން މޭމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާގެ 58 ކޭސް ރިޕޯޓު ކޮށްފައި ވާއިރު، ޑެންގީގެ 40 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ.

މިހާތަކަށް ޑެންގީ އަދި ޗިކުންގުންޔާ ވެސް އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ، ނިމިދިޔަ އެޕްރިލް މަހުއެވެ. އެގޮތުން އެޕްރިލް މަހު ޗިކުންގުންޔާގެ 177 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. އަދި ޑެންގީގެ 239 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ.

މުޅި އަހަރަށް ބަލާއިރު، އަހަރުގެ ހުރިހާ މަހެއްގައި ވެސް ޑެންގީ ޖެހިގެން މީހުން ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް ތަފާސްހިސާބުތައް ދައްކާ ގޮތުން ޗިކުންގުންޔާ ފެތުރެން ފަށާފައި ވަނީ މާޗް މަހުއެވެ. އެމަހު ރިޕޯޓު ކޮށްފައި ވަނީ ޗިކުންގުންޔާގެ ފަސް ކޭހެވެ.

މި ދެ ބަލި ވެސް އެންމެ ގިނައިން ފެތުރޭކަން ފާހަގަކުރެވިފައި ވަނީ މާލޭ ސަރަހައްދުންނެވެ.

މަދިރި ގިނަވެ، މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާތީ މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ވަނީ މާލޭ ސަރަހައްދު ފޮގް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

ޑެންގީ ނުވަތަ ޗިކުންގުންޔާ ޖެހިއްޖެ ނަމަ ނުވަތަ ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. ފައިދާ ހުރި ދިޔާ ތަކެތީގެ ތެރޭގައި ހިމެނެނީ، ކުރުނބާ ފެން، ލޮނު ޕެކެޓް އަދި ސޫޕް ފަދަ ތަކެއްޗެވެ.

މީގެ އިތުރުން ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް