ޕާޓީގެ މެމްބަރުން އާ ޕާޓީއެއް އުފެއްދިޔަސް ކަންބޮޑެއް ނުވޭ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް --- ސަން ފޮޓޯ/ ފަޔާޒު މޫސަ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ބައެއް މެންބަރުން އިސްވެ ތިބެ އާ ޕާޓީއެއް ހެދުމަކީ ޕާޓީގެ ކަންބޮޑުވުން އޮތް ކަމެއް ނޫން ކަަމަަށް އެ ޕާޓީއިން އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ޖޭޕީގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަން މިހާރު ވަނީ ހާމަވެފައެވެ.

https://sun.mv/154132

މިކަމާ ގުޅިގެން އަލީ ސޯލިހު މިއަދު "ސަން" އަށް ވިދާޅުވީ ޖޭޕީގެ މެންބަރުން ޕާޓީއާ ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ސަބަބުން ޖޭޕީގެ ހިންގުމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް ނާންނާނެ ކަަމަށެވެ.

"ޖުމްހޫރީ ޕާޓީގައި ތިއްބެވި މެންބަރުން ކޮޅެއް އާ ޕާޓީއެއް ހަދާ ވާހަކަ އަޅުގަނޑުމެންނަށް މީޑިއާގެ ޒަރިއްޔާއިން އިއްޔެގެ ވަގުތެެއްގައި ވަނީ އަޑު އިވިގެން ގޮސްފަ. އެއީކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން. ސިޔާސީ ޕާޓީއެއް ބޭފުޅުން ކޮޅެއް ހެދުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް ނޫން," އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް އާ ސިޔާސީ ޕާޓީތަކާއި އާ ކެންޑިޑޭޓުން ފެނިގެންދާނެ ކަމަށާއި ނަމަވެސް އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށެވެ. އެހެންނަމަވެސް ޖޭޕީގައި ހުންނަވައިގެން، ޕާޓީން ވަކިނުވެ އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަކީ އެހާ ރީތި ކަމެއް ނޫން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކައަކީ ޕާޓީ ތެރޭގައި ތިއްބަވައިގެން އެކަން [އެހެން ޕާޓީއެއް އުފެއްދުން] ކުރެއްވުން އެހާ ހިތްގައިމެއް ނޫނޭ. އަދި މިހާތަނަކަށް ސޯޝަލް މީޑިއާ ފިޔަވާ އަޅުގަނޑުމެންނަށް ރަސްމީ ސިފައެއްގައެއް [ޕާޓީ އުފައްދަން އުޅޭކަން] އަންގާފައެއްވެސް ނެތް." އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު އިތުރަށް ވިދާޅުވީ ޕާޓީން ބަޔަކު ވަކިވެގެން ދިޔަ ނަމަވެސް ޖޭޕީ އިން ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހީނަރުކަމެއް ނައިސް މަސައްކަތް ކުރިއަށްދާނެ ކަަމަށެވެ.

comment ކޮމެންޓް