ކާނަލް ނާޒިމް އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަނީ

ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން ތައްޔާރުވެއްޖެއެވެ.

ކާނަލް ނާޒިމް އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަން އިތުބާރުހުރި ފަރާތަކުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

އެ ޕާޓީ އުފެއްދުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ފަރާތުން ބުންޏެވެ. އެހެންނަމަވެސް ޕާޓީގެ ނަމެއް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކާނަލް ނާޒިމްއާއެކު އެ ޕާޓީގައި މަޖިލީހުގެ އިތުރު މެންބަރުންތަކެއްވެސް ހަރަކާތްތެރިވާނެއެވެ. އާ ޕާޓީގައި ހަރަކާތްތެރިވާނީ ކޮން ކޮން މެންބަރުންތަކެއްކަމެއް އަދި ސާފެއް ނުވެއެވެ.

މިހާރު މައިގަނޑު ގޮތެއްގައި ކުރިޔަށް ދަނީ އިލެކްޝަންސް ކޮމިޝަނުގައި ޕާޓީ ރެޖިސްޓާކުރަން ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހޯދުންކަމަށް 'ސަން' އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މެންބަރުންގެ ސޮއި ހަމަވުމާއެކު ވަރަށް އަވަހަށް ޕާޓީ ރެޖިސްޓާ ކުރަން ހުށަހަޅާނެކަމަށް 'ސަން' އަށް ކަށަވަރު ވެފައެވެ.

ޕާޓީ އުފެއްދުމާއެކު ކާނަލް ނާޒިމް މިހާރު ހުންނެވި ޖުމްހޫރީ ޕާޓީއިން ވަރަށް އަވަހަށް ވަކިވެވަޑައިގަންނަވާނެއެވެ. އަދި އާ ޕާޓީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނެކަމަށް މައުލޫމާތު ލިބެއެވެ.

ކާނަލް ނާޒިމްގެ ފަރާތުން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވިކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި އާ ޕާޓީއެއް އުފައްދަވަން ނިންމެވީ ކީއްވެގެންކަމެއް ކާނަލް ނާޒިމް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިޔާސީ އެޑްވައިޒަރުގެ މަގާމުން ކާނަލް ނާޒިމް ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭ އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ކާނަލް ނާޒިމް ފެންނަ މިންވަރުވެސް ވަނީ ވަރަށް މަދުވެފައެވެ.

ކާނަލް ނާޒިމް އަކީ ރައީސް ޑރ. ވަހީދު އަދި ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މިހާރު ރާއްޖޭގެ ރެޖިސްޓާ ކޮށްގެން ހިންގާ ޖުމްލަ 10 ސިޔާސީ ޕާޓީއެއް އޮވެއެވެ.

comment ކޮމެންޓް