މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ތިންވަނަ ހޮވާ މެޗުގައި ޕެރޫ ކޮޅަށް އިތުރު ވަގުތުގައި ގޯލު ޖަހައި ކޮލޮމްބިއާ މޮޅުވެއްޖެ އެވެ.
ބްރެޒިލުގެ އެސްޓޭޑިއޯ ނެސިނަލް ޑެ ބްރެޒިލިއާގައި ރޭ ކުޅުނު މެޗުން ކޮލޮމްބިއާ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ. މި މެޗުން ހޯދި މޮޅާ އެކު ކޮލޮމްބިއާއަށް މުބާރާތުގެ ތިންވަނަ ވަނީ ލިބިފަ އެވެ. މެޗުން ބަލިވި ޕެރޫއަށް ލިބުނީ ހަތަރުވަނަ އެވެ.
ކޮލޮމްބިއާ ތިންވަނަ ހޮވާ މެޗުގައި ކުޅެން ޖެހުނީ ސެމީ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ ޕެނަލްޓީގައި ބަލިވެގެންނެވެ. އަނެއްކޮޅުން ޕެރޫ ސެމީގައި ކެޓީ މުބާރާތް ބާއްވާ ބްރެޒިލް އަތުން 0-1 އިން ބަލިވެގެންނެވެ.
މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނު އިރު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޕެރޫއިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ޔޮޝިމަރ ޔޮޓުން އެވެ.
ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނަޓުގައި އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޑިފެންޑަރު ޖުއަން ކުއަޑްރާޑޯ ވަނީ މެޗުގެ ނަތީޖާ ކޮލޮމްބިއާއަށް ހަމަހަކޮށްދީފަ އެވެ. އެއަށްފަހު 66 ވަނަ މިނަޓުގައި ލުއިސް ޑިއަޒްގެ ގޯލުން ކޮލޮމްބިއާ ލީޑު ނެގި އިރު، މެޗުގެ 82 ވަނަ މިނަޓުގައި ޕެރޫގެ ޖިއަންލުކާ ލަޕަޑުއްލާ ވަނީ ޕެރޫއަށް އެއްވަރުކޮށްދީފަ އެވެ. ކޮލޮމްބިއާއަށް މެޗުން މޮޅުވާ ލަނޑު ލުއިސް ޑިއަޒް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގަ އެވެ.
މި މުބާރާތުގެ ފައިނަލު ކުޅޭނީ މިރޭ ފަތިހު 5:00 ޖަހާ އިރު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ އެންމެފަހުގެ ޗެމްޕިއަން ބްރެޒިލްއާއި އެފަހަރުގެ ތިންވަނަ ހޯދި އާޖެންޓީނާ އެވެ.