އިންޑިއާއިން ރާއްޖެ ބަލިކުރިޔަސް، ނޫރާގެ ތާރީޚީ ލަނޑެއް!

އިންޑިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ރާއްޖެ ޓީމުގެ ނޫރާ އާއި ކެޕްޓަަން ޝާލިޔާ--

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)އިން އަލަށް ފެށި ސައުތު އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެން މުބާރާތުގައި ސަރަހައްދުގެ ގަދަބާރު އިންޑިއާ ކޮޅަށް ރާއްޖެއިން ތާރީޚީ ލަނޑެއް ޖަހައިފިއެވެ.

ރާއްޖެ ކޮޅަށް އިންޑިއާއިން 11 ލަނޑު ޖެހި މި މެޗަކީ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ކުޅުނު ބައިނަލްއަޤުވާމީ ފުރަތަމަ މެޗެވެ. މިއީ މި މުބާރާތުގައި ވެސް ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖެއާ ވާދަކުރި އިންޑިއާއަކީ ދުނިޔޭގެ ފުޓްސަލް ރޭންކިންގެ 86 ވަނައިގައި އޮތް ޓީމެވެ. ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު އަދި މިހާތަނަށް ރޭންކުކުރެވިފައެއް ނުވެއެވެ.

މިއީ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު އިންޑޯ ޕިޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި، އިންޓަނޭޝަނަލް ފުރަތަމަ ތަޖުރިބާއެވެ. މުބާރާތުގެ ކުރިން އަންހެން ޓީމަށް އިންޑޯއެއްގައި ފަރިތަކުރާނެ ފުރުސަތެއް ނުލިބުނު ނަމަވެސް ފިރިހެން ފުޓްސަލް ޓީމު ވަނީ ޗައިނާގައި ކޭމްޕުކޮށްފައެވެ.

އިންޑިއާ ކޮޅަށް ރާއްޖެއިން ލަނޑު ޖަހައިދިން ކުޅުންތެރިއަކީ މަރްޔަމް ނޫރާއެވެ. އޭނާ މި ލަނޑު ޖެހީ ދެވަނަ ހާފުގައި ލިބުނު ކޯނަރަކުންނެވެ. އޭނާ ފޮނުވާލި މި ކޯނަރު ބޯޅަ ކީޕަރަށް ދިފާއުނުކުރެވުނެވެ.

ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

މުބާާރާތުގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ ދެވަނަ މެޗުގައި ޖަނަވަރީ 15 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލާއެވެ.

comment ކޮމެންޓް