ޔޫކޭގެ އިންސާނީ ހައްގުތަކުގެ ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ ނަގައިފި

ރާއްޖޭގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ކެރޮން ރޮސްލާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ޔޫކޭއިން އެކި ގައުމުތަކުގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރާ ގައުމުތަކުގެ ލިސްޓުކަމަށްވާ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖޭގެ ނަން އުނިކޮށްފިއެވެ.

ޔޫކޭގެ މި ލިސްޓުގައި ޖުމްލަ 30 ގައުމު ހިމެނޭއިރު، އެ ގައުމުތަކަކީ ޔޫކޭ ސަރުކާރުން އެގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އެގައުމުތަކުގައި އިންސާނީ ހައްގުތައް އާންމުންނަށް ލިބިދިނުމަށް ބާރުއަޅައި މަސައްކަތްކުރަންޖެހޭ ގައުމުތަކުގެ ގޮތުގައި ފާހަގަކުރާ ގައުމުތަކުގެ ލިސްޓެކެވެ. ޔޫކޭއަކީ އެގައުމުން ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ދޭދޭ ގައުމުތަކާ އެކު ބޭއްވުމުގައި އެގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތަށް ރިއާޔަތް ކުރާ ގައުމެކެވެ.

ޕްރަޔޯރިޓީ ލިސްޓުން ރާއްޖޭގެ ނަން އުނިކުރުމާއެކު ފޮރިން މިނިސްޓްރީއިން ބުނީ މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބުކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނިގޮތުގައި މި ސަރުކާރުން އިންސާނީ ހައްގުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރުު މިޝޭލް ބެޝެލޭވެސް ފާހަގަކުރައްވާފައިވާކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ ނަން މި ލިސްޓުން އުނިކޮށްފައިވަނީ ބުރުންޑީއާއި އެކުގައެވެ. ދެ ގައުމުގެ ނަން އުނިކުރުމުގެ އިތުރުން މި ލިސްޓަށް ވަނީ ބެލަރޫސް، މާލީ އަދި ނިކަރާގުއާގެ ނަން އިތުރުކޮށްފައެވެ. މި ގައުމުތަކުގެ ތެރެއިން ބެލަރޫސްގެ ސަރުކާރުގެ އަމުރަކަށް ސަރުކާރާއި އިދިކޮޅު ނޫސްވެރިޔަކު ދަތުރުކުރަމުންދިޔަ އާންމުދަތުރުފަތުރުގެ މަތިންދާބޯޓެއް އެގައުމުގެ ހަނގުރާމަތީ މަތިންދާބޯޓެއް ބޭނުންކޮށްގެން ދާދިފަހުން ޑައިވާޓްކުރުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރަށް ވަނީ އިންސާނީ ހައްގުތަކާ ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ.

comment ކޮމެންޓް