ބައެއް ސުވާލުތަކަށް ޝަމާލް ޖަވާބު ނުދެއްވާ: ރިޕޯޓް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ގުޅޭ ކޮމިޓީއަށް ދެއްވި މައުލޫމާތުގައި ފުށުއެރުން ހުރި ކަމަށް އެ ކޮމިޓީން އާންމުކުރި އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.

މަޖިލީހުން މިހާރު އާންމުކޮށްފައިވާ އެ ރިޕޯޓުގައި ވަނީ އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޝަމާލު ޖަވާބު ދެއްވާފައިނުވާ ކަމަށެވެ.

އިންކުއަރީއާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވެފައި ވަނީ އެމްއެންޑީއެފް ހިނގަނީ މިޝަން ކޮމާންޑެއްގެ ދަށުން ކަމަށާއި، އެ ފަލްސަފާގެ ތެރެއިން، މީހުންނާއި، އާލާތްތަކާއި ވަސީލަތްތައް އަދި ޓާސްކް އެސައިން ކޮށްފައި ހުންނަ ކަމަށެވެ.

އަދި އޮޕަރޭޝަންލް ލެވެލްގެ ކޮމާންޑަރުންނާއި "ޑީސެންޓްރަލައިޒް އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗަރ" އެއްގެ ތެރެއިން ކޮމާންޑަރުންނަށް ފުރިހަމަ ކޮންޓްރޯލް ދީފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އޮޕަރޭޝަން ހެޑަކީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ވީ ނަމަވެސް، އެސްޕީޖީ ގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން ސުވާލު ކުރުމުން، އެކަމަށް ޖަވާބު ދޭން ޖެހޭނީ އެސްޕީޖީގެ ބޭފުޅުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޝަމާލް ވިދާޅުވެފައި ވެެއެވެ.

"ޗީފް އޮފް ޑިފެންސް ފޯސް އަކީ އޮޕަރޭޝަން ހެޑް ކަމަށް ވީ ނަމަވެސް ރައީސް މުހައްމަދު ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ޗީފް އޮފް ޑިފެންސް ފޯސްގެ ދައުރު ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ،" ރިޕޯޓްގައި ވެއެވެ.

އިންކުއަރީ ރިޕޯޓްގައި ބުނެފައި ވަނީ، ޝަމާލް ދެއްވި ޖަވާބަކީ، ޒިންމާދާރު މަގާމެއްގައި ހުންނަވައި، މުއައްސަސާގެ އިސް ވެރިޔާ އަދި އޮޕްރޭޝަންސް ހެޑްގެ ހައިސިއްޔަތުންނާއި ގާނޫނުގައި ކަނޑައަޅާފައި ވާ ޒިންމާގެ ދަށުން، މުޅި އޮޕަރޭޝަންސް ގެ ޗީފްގެ މެންޑޭޓާ ފުށުއަރާ ޖަވާބެއް ކަމަށެެވެ.

މީގެ އިތުރުން، ޑީއައިއެސް ގެ ބައެއް ކަންތައްތަކާ ބެހޭގޮތުން ސުވާލު ކުރުމުން އެއަށް ޖަވާބުދާރީ ވާން ޝަމާލް އުޒުރު ވެރި ވެ ވަޑައިގެންފައި ވާ ކަމަށް ރިޕޯޓްގައި ވެއެވެ.

އެހެންނަމަވެސް، އަސްކަރިއްޔާގެ އިސް ކޮމާންޑަރުގެ ހައިސިއްޔަތުން ޝަމާލް ޖަވާބުދާރީ ވާން ނުޖެހޭ އެއްވެސް ޑައިރެކްޓަރޭޓެއް އޮވެގެން ނުވާނެ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ރޭ އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މަޖީދީމަގުން ޝަމާލް ފެނުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެރޭ ޝަމާލް މަޖީދީމަގުގައި ހަރަކާތްތެރިވީ އެ ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުން ސީންގައި ހަރަކާތްތެރިވަމުން ދިޔަ ދަނޑިވަޅުގަ އެވެ.

comment ކޮމެންޓް