ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއްގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދަން ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުން މިއަދު ބޭރު ކޮށްލައިފިއެވެ.
ހައިކޯޓުން މިއަދު ބުނީ ޕީޖީން އަލީ ވަހީދުގެ މައްސަލަ ހުށަހަޅާފައިވާ ގޮތުން އެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެ މައްސަލައިގެ ދައުވާފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީ އޮފީހުން އިސްތިއުނާފަށް ހުށަހެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރު މި ސަރުކާރުގެ އެންމެ އިސް އެއް މިނިސްޓަރުކަމުގައިވާ އަލީ ވަހީދު މަގާމުން ވަކިކުރީ މިިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.