ހައިކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލާ ވަގުތީގޮތުން މިއަދު ޙަވާލުކޮށް، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޙުސައިން ޝަހީދު އިއްޔެ ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވައިފައެވެ. އެހެންވެ މިހާރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ބެންޗުން މަގާމެއް ވަނީ ހުސްވެފައެވެ.
އެއާއެކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ހައިކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލާ މިއަދު ޙަވާލުކުރި ކަމަށެވެ.
އަދި އެގޮތަށް ނިންމީ އިއްޔެ އެ ކޮމިޝަނުގައި ބޭއްވި 12ވަނަ ޖަލްސާގައިކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ވެސް ވަނީ އިއުލާނު ކޮށްފައެވެ.
އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 10:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމަށް ޖޭއެސްސީން ބުންޏެވެ.