ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވަރަށް ރަނގަޅު ކަމަށާއި، ސަރުކާރުގެ މަޝްރޫއުތައްވެސް ސްލޯ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގުރާމަށް ދެއްވި އިންޓަވިއުއެއްގައި "މިހާރުގެ ސަރުކާރު ކަމުދޭތޯ" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ ސަރުކާރުގެ މަސައްކަތް ދާގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ކޮވިޑުގެ ހާލަތުގައިވެސް، ރާއްޖޭގެ ގިނަ ރައްތަކަކަށްވެސް އުމްރާނީ ތަރައްގީ ލިބިގެން ގޮސްފި ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ރަނގަޅު ސަރުކާރު. ސްލޯއެއްވެސް ނޫން. އެކަމު މި ހިނގާ [ކޮވިޑުގެ] ހާލަތައް ބަލާއިރު ދުނިޔޭގެ ކޮން ސަރުކާރެއްތޯ ބާރަށް ހިނގީ؟ އެއްވެސް ސަރުކާރަކާ އަޅާ ކިޔޭކަށް ނެތް." މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މިހާރު ދުނިޔޭގެ އިގްތިސާދުތައް ހިނގާ ގޮތާއި، ގައުމުތަކުގެ ހާލަތާއި އަޅައި ބަލާއިރު، ރާއްޖެ ފުރަބަންދުގެ ހާލަތުގައި އޮތް ދުވަސްވަރު ވެސް ސަރުކާރުން ވަރަށް ގިނަ ރަށްރަށެއްގެ ފެނާއި ނަރުދަމަގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މާލޭގައި ތިބޭ މީހުންނަށް ބޮޑަށް މި ފެންނަނީ މާލޭގައި ބުރިޖެއް އެއްކޮޅަށް އަޅައިފިއްޔާ. ހުޅުމާލޭގަ ޓަވަރެއް އަޅައިފިއްޔާ. ހުޅުލޭގައި އެއާޕޯޓެއް އަޅައިފިއްޔާ. އެކަމު އޭގެ ބަދަލުގައި އުމްރާނީ ތަރައްގީއާއި ރައްޔިތުންގެ އަސާސީ ފުދުންތެރިކަމަށް ކުރެވިފައި ހުރި މަސައްކަތްތައް ނިސްބަތް ކޮށްލާ އިރުގަ، ހަމަ ވަރަށް ގިނަ މި ހާލުގައި. އެހެންވީމާ ރައީސް ސޯލިހުގެ ސަރުކާރަށް އަޅުގަނޑު ވަރަށް ތާއީދު," މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ތަރައްގީއާއި ކުރިއެރުމަށް އަބަދުވެސް ތާއީދު ކުރައްވާނެ ކަަމަށާއި، އެގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުންވެސް ރާއްޖެއަށް ގިނަ ތަރައްގީގެ މަސައްކަތް ކޮށްދެއްވާފައިވާ ކަމަށެވެ.