ސަރުކާރު ގެންނަން އެންމެ ބޮޑު ގުރުބާނީ ވީ އަދާލަތުން: އިމްރާން

ސަރުކަރުގެ ބައެއް ވެރިންނާޢި ކޯލިޝަން ލީޑަރުންނާއެކު ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله -- ސަން ފޮޓޯ / އަޙުމަދު އަވްޝަން އިލްޔާސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެންނަން އެންމެ ބޮޑު ގުރުބާނީއެއް ވީ އަދާލަތު ޕާޓީގެ މެންބަރުން ކަމަށް އެ ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އމްރާން ވިދާޅުވީ ހަތަރު ޕާޓީ އެކުލެވިގެން ހެދުނު ކޯލިޝަނެއްގެ ތެެރެއިން ވެރިކަން އައިސް އޮތް އިރު، އެކަމަށް އަދާލަތު ޕާޓީިން ދެއްކި އަގަށްވުރެ ބޮޑު އަގެއް އެހެން ޕަޓީތަކުން ދައްކާފައި ނުވާ ކަމަށެވެ.

"ސަރުކާރު އުފެއްދުމަށްޓަކައި އަޅުގަނޑު ހިތުން އަދާލަތު ޕާޓީގެ މެންބަރުންނަށް ވުރެ ވަކި އިތުރު ގުރުބާނީ ވީ ބައެއް ހަމަ ނުތިބޭނެ. އަޅުގަނޑުމެންގެ މެންބަރުންގެ އަދަދުން އަޅުގަނޑުމެންގެ ރިސޯސް ހުރި މިންވަރުން އަޅުގަނޑުމެން ވަރަށް ބޮޑު އިސްނެގުމެއް ނެގިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން ވަރަށް ބޮޑު ގުރުބާނީތަކެއް ވީން," އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައްވެސް އެބަހުރި ކަމަށާއި އެއްވެސް ޕާޓީއެއް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނުވުމަކީ ތޮބީއީ ކަމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ.

އެގޮތުން އަދާލަތު ޕާޓީގެ މެންބަރުން ވަރަށް ނުތަނަވަސްވާ ކަންކަން ސަރުކާރުން ކުރާ ކަމަށާއި، ނަމަވެސް އެކަންކަމާ މެދު ރައީސް މަޝްވަރާ ކުރައްވައި މައްސަލަ ހައްލު ކުރާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީ ހިމެނޭހެން އެއްވެސް ޕާޓީ އަކަށް ހައްގުވާ މިންވަރު ނުލިބޭ ކަމަށެވެ.

އެހެންނަމަވެސް އެކަންތައްތަކުގެ ސަބަބުން ކޯލިޝަން ރޫޅާލައި، އެންމެން އެކުވެގެން ގެނައި ސަރުކާރު ހަލާކުވެގެން ދާން ނޭދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހާއްސަކޮށް އޭގެ ސަބަބުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދި، ކޯލިޝަން ކޯޅުމުގެ ތެރެއިން ރައްޔިތުންނަށް ބުރައެެއް ލިބެން ނޭދޭކަން މިނިސްޓަރު އިމްރާން އިތުރަށް ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއް ވީ އަދާލަތުގެ މެންބަރުން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވާއިރު، މީގެ ކުރިން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައީސް ސޯލިހަށް އެންމެ ގިނަ ތާއީދު ހޯދައިދިނުމަށް މަސައްކަތް ކުރި ފަރާތަކީ އެބޭފުޅާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/153951

comment ކޮމެންޓް