ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިއިރު އައީ ކަންޓުރޯލުވެފައި އޮންނަ ފަތުރުވެރިކަމެއްގެ ގޮތުގައެވެ. ފުރަތަމަ ނޭގުމެެއްގެ ތެރޭގައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތު އޭރު ކަންޓުރޯލުކުރީ ޙާލާތެވެ. ރާއްޖެ އަށް ފަތުރުވެރިން ދަތުރުކުރުމުގެ މަގުދަތިކަމުންނެވެ. ރާއްޖޭގައި ލިބެންހުންނަ އެނދުގެ އަދަދު މަދުކަމުންނެވެ. ރާއްޖޭގެ ރިޒޯޓްތަކުން ލިބެންހުންނަ ޚިދުމަތްތައް އަސާސީކަމުންނެވެ. ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި އެނގިގެން، ޤަސްތުގައި ރާއްޖޭގެ ފަތުރުވެރިކަން ކަންޓުރޯލުކުރެވެން ފެށިއެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވައްތަރެއްގެ ފަތުރުވެރިކަމެއް ރާއްޖޭގައި ބޭއްވުމުގެ ނިޔަތުގައެވެ. ހަމަ އެއާއި އެކު ރާއްޖެ އަށް ފަތުރުވެރިން އައުމުގެ މަގު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެގެންދިޔައެވެ.

ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށްވުމާއި އެކު، ރާއްޖޭގެ އިސްލާމީ އަދި ދިވެހި ސަގާފަތައް ލޮޅުމެއް ނާންނާނެގޮތަކަށް ފަތުރުވެރިކަމުގެ ސީނާއަތް ބައްޓަންކުރެވޭތޯ ވިލަރަސްކުރެވެން ފެށުނެވެ. ރާއްޖޭގައި ފަތުރުވެރިން އުޅެނީ ޢާއްމުން ދިރިނުއުޅޭ ރަށްރަށުގައި ކަމަށް ވުމާއިއެކު ފަތުރުވެރިކަމުގެ ނޭދެވޭ އަސަރު އެންމެ ކުޑަމިނުގައި ކުރާނެ މަންޒިލަކަށް ރާއްޖެ ހެދިދާނެކަމަށް ކަމާއިބެހޭ ތަޖުރިބާކާރުން ލަފާދިނެވެ. އެހެންނަމަވެސް ފަތުރުވެރިކަން ފުޅާވުމުން ނުކުންނަ މައްސަލަތައް ރާއްޖޭގައިވެސް ނުކުންނާނެކަމަށް އޭރުވެސް އެމަސައްކަތުގައި އުޅުނު އެއްވެސް ފަރާތަކުން ދެބަސްނުވެއެވެ.

ފަތުވެރިކަމުގެ ޞިނާއަތަކީ ދިވެހިން ބަލައިގަންނަ، އަދި ދިވެހި އިސްލާމީ ސަގާފަތަށް ވީހާވެސް ކުޑަ ހެލުމެއް އަންނާނެގޮތަށް ފަތުރުވެރިކަން ބައްޓަންކުރެވެންފެށިއެވެ. ބައިނުލްއަޤްވާމީ މުޖުތަމަޢުންވެސް މިކަން ބަލައިގަތެވެ. އައްޑިހައިގެ އަހަރުތަކުގައި ދުނިޔޭގެ ފަތުރުވެރިކަމާއިބެހޭ ޖަމުޢިއްޔާއިން ނެރުނު ރިޕޯޓުތަކުގައްޔާއި ދިން މިސާލުތަކުގައި އެންމެ ކުޑަމިނުން ރައްޔިތުންގެ ދިރިއުޅުމަށް އަސަރުފޯރާގޮތަށް ހިނގަމުންދާ ފަތުރުވެރިކަމުގެ މަންޒިލަކީ ރާއްޖެކަމަށް ހާމަކުރަމުން ދިޔައެވެ.

ކަންޓުރޯލު ފަތުރުވެރިކަމަކަށް ދިއުމަށް، ބައެއް ކަންތައް ކަންޓުރޯލު ކުރެވުނެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ފަތުރުވެރިންނަށް ގެސްޓުހައުސް ނުހެދޭގޮތަށް ނިންމުނެވެ. ބަނގުރާ ވިއްކުން ހަމައެކަނި ފަތުރުވެރިކަމަށް ރަޖިސްޓުރީ ކޮށްފައި ހުންނަ ރިޒޯޓާއި ހޮޓަލަށް ޚާއްސަކުރެވުނެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމަށް އެންމެ ރަގަޅު ރަށްރަށްހުރި ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ނިންމުނެވެ. އެހެން ސަރަޙައްދުތައް އެހެން މަސައްކަތްތަކަށް ޚާއްޞަކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ޞިނާއަތް މި އަމާޒުން ކައްސާލިއެވެ. ސިޔާސީ ކަންތައްތައް ވަންނަން ފެށުމުންނެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ބޭނުންވީ ފަތުރުވެރިކަމުގެ ފައިދާވާނެގޮތަށް އެންމެ ކުޑަމިނުން ރަށެއްވަރު އޮތުމެވެ. ފަތުރުވެރިކަމަށް ރަށެއް އޮތުމުން ފައިދާތަކެއް ކުރެއެވެ. ވަޒީފާ ލިބުމުގެ ފުރުޞަތު ހުޅުވުމަށްވުރެ ބޮޑަށް ފަޅިފަޅިން އަންނަ ފައިދާއެވެ. މިސާލަކަށް ދަންނަވާނަމަ މީހުން ދިރިއުޅޭ ރަށްރަށް ބަލައިލަން ފަތުރުވެރިން ޒިޔާރަތްކުރުމުން އެމީހުންނަށް އަތްތެރިމަސައްކަތުގެ އެއްޗެތި ވިއްކުންފަދަ މަސައްކަތްތައް ކުރުމެވެ.

ފަތުރުވެރިކަމުގެ ފައިދާއާއި ދިގުމުސްތަޤްބަލެއްގައި ޤައުމަށް ލިބޭނޭ ފައިދާ އަށްވުރެ ބޮޑަށް ސިޔާސީ ފަރާތްތަކުން "ވޯޓުބޭންކް" ތަކުން އެދޭގޮތަށާއި، މަޝްހޫރުކަން ހޯއްދެވުމަށާއި، ފެށިފައިވާ ބައެއް މަސައްކަތްތައް ހިމާޔަތްކުރުމަށް ފަތުރުވެރިކަމުގެ ޞިނާއަތުގެ ބޭނުންކުރަންފެށުނެވެ. މިސާލަކަށް ދަންނަވާނަމަ ވައިގެ ބަނދަރެއް އޮތް ކޮންމެ ސަރަހައްދެއް ފަތުރުވެރިކަމަށް ތަރައްޤީ ކުރުން ފަދަ ކަންކަމެވެ. އެއީ ގޯސްކަމެކޭ ފަހަރެއްގައިވެސް އަޅުގަނޑު ނުދަންނަވަމެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ބޭނުމުގައި ސަރަހައްދެއް ތަރައްޤީކުރެވޭނަމަ ފުރަތަމަ ބެލެންވާނީ އެސަރަހައްދުން ފަތުރުވެރިކަމަށް ލިބޭނޭ ރަށްތަކަށެވެ. ފަތުރުވެރިކަމުގެ ފައިދާއަށް ނިންމޭ ނިންމުމަކަށްވާނަމަ ވައިގެ ބަނދަރެއް އޮތުމަށް ނިންމެންވާނީ އެއަށްފަހުގައެވެ. މިހާރު އަޅުގަނޑުމެންވަނީ މީހުން ދިރިއުޅޭ ރަށްރަށަށްވެސް ފަތުރުވެރިކަން ގެންގޮސްފައެވެ. ފުރި ބަނދަރަށް އަނބުރާ އައުމަށްވުރެ ދުރަށް މިދަތުރުކުރެވިއްޖެއެވެ. މިހާރު ބަލަންވީ މިކަން އެންމެ ރަގަޅަށް ކުރެވޭނޭ ގޮތަކަށެވެ. އާ ވިސްނުމަކަށް ދިއުމެވެ. އެ ވިސްނުމަކީ މީހުންދިރިއުޅޭ ރަށްރަށުގައި ހޮޓާ ހުންނަ ސަރަހައްދު ފަޅުރަށެއް ކަމަށް ނިންމުމެއް ނޫނެވެ. މީހުންދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ އާއުފެއްދުމެއް ތަޢާރަފްކުރުމެވެ. ބަނގުރަލުން މިނިވަން ފަތުރުވެރިކަމެކެވެ. ސިއްޙީ ފަތުރުވެރިކަމެކެވެ. ފުވައްމުލަކު ކަހަލަ ރީތި ގޮނޑުދޮށެއްނެތް ރަށެއްގައި ފަތުރުވެރިން ކިހާ ދުވަހެއް ހޭދަކުރާނެތޯއެވެ؟ އެހެންނަމަވެސް ފުވައްމުލައްކަހަލަ އާދަޔާއި ޚިލާފުވެއްޓެއް އޮންނަ ރަށެއް ބަލައިލުމަށް ފަތުރުވެރިން މަދުވެގެން ދުވަހެއް ހޭދަކުރުމަކީ ވެދާނެކަމެކެވެ. މިޒަމާނުގައި އެތެރޭގެ ފަތުރުވެރިކަމަށްވެސް ވިސްނާލަންޖެހެއެވެ. ފައިސާކަމަށްވާނަމަ ދިވެއްސަކު ދިނަސް މައްސަލައަކަށްވެގެންނުވާނެއެެވެ. ޙަޤީޤަތުގައި ރާއްޖޭގެ ބައެއް ރިޒޯޓުތަކުގައި މައްސަލައަކަށް ހަދައެވެ. ދިވެހި ވެރިންނެވެ. ރާއްޖޭގައި ދިރިއުޅޭ ދިވެއްސަކަށް ބޭރުފައިސާއިން ފަތުރުވެރިންގެ އަގަށް ރިޒޯޓެއްގައި ހުރެވިދާނެކަމަށް އަދިވެސް ޤަބޫލުނުކުރެވެނީއެވެ.

ހޮލެންޑުގައި ވާރޭވެހޭ މޫސުމުގައި ވާރޭވެހޭތަންބަލަން އައުމަށް ހޮޓަލަކުން އިޝްތިހާރުކުރުމުން ފުރަތަމަކޮޅުގައި އެއީ ވަރަށް އާދަޔާއި ޚިލާފުކަމަކަށްވިއެވެ. އެތަން ބެލުމަށް ދާނީ ކޮންބަޔަކުބާވައެވެ؟ އެހެންނަމަވެސް އެ ހޮޓަލުން ވާރޭވެހޭ މޫސުމުގައި ޢާއްމުކޮށް ހޮޓާ ހުހަށް ހުންނައިރު ވާރޭވެހޭތަން ބަލަންބޭނުންވާ ބައިވަރު ފަތުރުވެރިން ހޯދިކަމަށްވެއެވެ. އަރަބި ޤައުމުތަކުންނެވެ. އަދި ފަހުން ބައެއް އެހެން ހޮޓާތަކުން ވެސް މިއުފެއްދުން ވިއްކަން ފެށިކަމަށްވެއެވެ. ފުވައްމުލަކު ކަހަލަ ރަށްރަށުގެ ހޮޓާތަކުގައި ޚާއްސަަ ބުއިމެއްގެ ގޮތުގައި ރުކުރާ ކަހަލަ ބުއިމެއް ތަޢާރަފްވާންވީއެވެ. ރުކު ރަލަކީ ތިން އިރު ތިން ރަހަދޭ ރަލެއްކަމަށްބުނެއެވެ. އެއީ ތެދަކަށް ވިޔަސް ނުވަތަ ނުވިޔަސް ޤަދީމީ ވާހަކަތަކާއި ގުޅުވާފައިވެސް މި އުފެއްދުން މާކެޓް ކުރެވިދާނެއެވެ. މާލެ ފިޔަވައި، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަށް ގެންދަންވީ ރަލާނުލައެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއި ވައްޓަފާޅި ރައްކާތެރިކުރާ ފަތުރުވެރިކަމެއްގެ ގޮތުގައެވެ. އާދޭހެވެ! މިކަން "ކުރެވިދާނެއެވެ!" ބޭނުމީ އުފެއްދުންތެރިކަމެވެ. ދުރުވިސްނުމެވެ. މިއީ "ކުރޭޒީ" ޚިޔާލެއްކަމަށް ދެކެވަޑައިގެންފާނެއެވެ. ގިނަފަހަރަށް އާ ކަންތައްތަކަކީ ކުރިޔަށް ނުދާނެކަންތައްކަމުގައި ވަރަށްގިނަ މީހުން ކުރީކޮޅުގައި ދެކެއެވެ. ފަހުން އެއީ ޙަޤީޤަތެއް ނޫންކަން އަމަލުން ސާބިތުވެގެންދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް