ކޮވިޑުގައި ހާލު ސީރިއަސްވާ މީހުންނަށް ދެ އާތުރައިޓިސް ބޭހެއް ދޭން ޑަބްލިޔުއެޗްއޯ އިން ލަފާ ދީފި

ޑަބްލިޔުއެޗްއޯއިން ވަނީ ކޮވިޑުގައި ހާލު ސީރިއަސްވާ މީހުންނަށް ދެ އާތުރައިޓިސް ބޭހެއް ދޭން ލަފާ ދީފަ -- ފޮޓޯ: އޭއެފްޕީ

ޖެނީވާ (ޖުލައި 7): އާއްމު ގޮތެއްގައި އާތުރައިޓިސް ނުވަތަ ހުޅު ދުޅަވާ ބައްޔަށް ފަރުވާ ދޭން ބޭނުން ކުރާ ދެ ބޭހެއް، ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންނަށް ދޭން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ލަފާ ދީފި އެވެ.

ކޮވިޑުގައި ހާލު ސީރިއަސްވާ މީހުންނަށް ދޭން ޑަބްލިޔުއެޗްއޯއިން އެންމެ ފުރަތަމަ ލަފާ ދިނީ ކޯޓިކޯސްޓެރޮއިޑްސް އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އަދި މިހާރު އެ ޖަމިއްޔާއިން ލަފާ ދެނީ ސްޓެރޮއިޑްސްއާ އެއްކޮށް، ސެރިލިޔުމެބް އާއި ޓޮސިލިޒިޔުމެބް ކިޔާ ދެ ބޭހެއް ވެސް ދިނުމަށެވެ.

ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނުގައިވާ ގޮތުން ކޮވިޑްގައި ހާލު ދެރަވާ މީހުންނަށް އެ ބާވަތުގެ "އިންޓަލޫކިން-6 ރިސެޕްޓާ ބްލޮކާސް" ބޭސް ދިނުމުން ބަލީގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން 28 ގައުމަކުން، 10،000އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ދިރާސާތަކުން ލިބުނު މައުލޫމާތުން ދޭހަވާ ގޮތުގައި، ކޮވިޑުގައި ހާލު ސީރިއަސްވާ މީހުންނަށް އެ ބާވަތުގެ ބޭހެއް ދިނުމުން ބަލީގައި މަރުވުމުގެ ފުރުސަތު 13 ޕަސެންޓު ދަށްވެ އެވެ.

އެހެންކަމުން، ކޮވިޑްގައި ހާލު ސީރިއަސްވާ ކޮންމެ 1،000 މީހެއްގެ ތެރެއިން ބަލީގައި މަރުވުމުގެ ނުރައްކާ އޮތް 28 މީހެއްގެ ފުރާނަ އެ ބޭސް ދިނުމުން ސަލާމަތް ކުރެވޭނެ ކަމަށް ޑަބްލިޔުއެޗްއޯގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ޑަބްލިޔުއެޗްއޯއިން ވަނީ ފަގީރު ގައުމުތަކަށް ފަސޭހައިން ކޮވިޑް ބޭސް ލިބޭނެ ގޮތް މަގުފަހި ކުރުމަށްޓަކައި ބޭސް އުފައްދާ ފަރާތްތަކުން އޭގެ އަގު ކުޑަ ކުރުމަށާއި އިތުރު ކުންފުނިތަކަށް އެ ބޭސްތައް އުފެއްދޭނެ ގޮތް ހެދުމަށް ޕޭޓެންޓުތަކަށް ލުއި ދިނުމަށް ގޮވާލާފަ އެވެ.

comment ކޮމެންޓް