އެމެރިކާގައި ހިމަބިހީގެ ކޭސްތައް އިތުރުވަނީ

އެމެރިކާގައި ހިމަބިހީގެ ކޭސްތައް އަނަންނީ އިތުރުވަމުން. އެކަމުގެ ނުރައްކާ މުޅި ދުނިޔެއަށްވެސް އެބައޮތް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނޭ. ފޮޓޯ/ސީއެންއެން

އެމެރިކާގައި ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 62 އަށް އިތުރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

އެއީ މުޅި މިދިޔަ އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދަށްވުރެ އިތުރު އަދަދެއް ކަމަށްވެސް ސީޑީސީން ބުނެއެވެ. އެމެރިކާގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު މިދިޔަ ހަފުތާ ހުރީ 58 ގައެވެ.

ސީޑީސީން ނެރުނު ބަޔާނެއްގައި ވަނީ ހިމަބިހީގެ ކޭސްތައް މި އަހަރު އިތުރުވަމުންދާތީ، ބަލިން ދިފާއު ވުމަށް ޖަހާ ވެކްސިން އަވަހަށް ޖެހުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުޑަކުދިންނާއި ދަތުރުފަތުރުކޮށްއުޅޭ މީހުން ވެކްސިން ޖެހުމަށް ސަމާލުވުމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި އަހަރު ރިޕޯޓްކޮށްފައިވާ ގިނަ ކޭސްތަކަކީ މީސްލްސް-މަމްޕްސް-ރޫބެލާ (އެމްއެމްއާރު) ވެކްސިން ނުޖަހާތިބި، އުމުރުން 12 މަހާއި އެއަށްވުރެ އުމުރުން ދޮށީ ކުދިން ކަމަށްވެސް ސީޑީސީން ހާމަކުރެއެވެ.

ވެކްސިން ދިނުމުގެ ދޭތެރެ ވަރަށް ބޮޑަށް ދުރުވެފައިވާތީ، ދުނިޔޭގެ ދެބައިކުޅަ އެއްބައި ގައުމުތަކަށް އަހަރު ނިމޭއިރު، ހިމަބިހި ފެތުރުމުގެ ނުރައްލާ ވަރަށް ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިޔު އެޗް އޯ) އިން ބުނެއެވެ.

ހިމަބިއްސަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު، މި ވައިރަސް އެންމެ ބޮޑަށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. ބަލިން ދިފާއު ވުމަށް ދެ ޑޯޒް ވެކްސިން ދޭންޖެހެއެވެ.

comment ކޮމެންޓް