އެކަށީގެންވާ ގޮތެއްގައި މައްސަލަ ތަހުގީގުކޮށްފައި ނުވާ ކަމުގެ 10 ޝަކުވާއެއް!

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަށީގެންވާ ގޮތެއްގައި މައްސަލަ ތަހުގީގުކޮށްފައި ނުވާ ކަމުގެ 10 ޝަކުވާއެއް ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ހުށަހެޅިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް އެ އޮފީހުން ހުށަހަޅާފައިވާ ރިޕޯޓުގައި ވާ ގޮތުން އެ 10 ޝަކުވާގެ ތެރޭގައި ރޭޕްކުރުމުގެ މައްސަލައަކާއި ގެވެށި އަނިޔާގެ ދެ މައްސަލައެއް ވެސް ހިމެނެ އެވެ. އަދި ކޮރަޕްޝަންގެ މައްސަލައަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ވެސް އެ މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމުލަ 21 މައްސަލައަކާ ގުޅިގެން ޕީޖީ އޮފީހަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އެގޮތުން ޖުމްލަ 29 ޝަކުވާއެއް މި މުއްދަތުގެ ތެރޭގައި ލިބިފައިވާކަމަށް އެ އޮފީހުން ބުންޏެވެ.

އޭގެތެރޭގައި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހަތަރު ޝަކުވާއަކާއި އެކަށީގެންވާ ގޮތެއްގައި މައްސަލަ ތަހުގީގުކޮށްފައި ނުވާތީ ހުށަހެޅި 10 ޝަކުވާއެއް ހިމެނެ އެވެ.

ހަމައެއާއެކު އެކަށީގެންވާ އަވަސްކަމާއެކު މައްސަލަ ތަހުގީގުކުރަމުން ނުދާތީ ހުށަހަޅާފައިވާ ހަތަރު ޝަކުވާއަކާއި ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ އަނބުރާ ގެންދިޔުމަށް ހުށަހަޅާފައިވާ ޝަކުވާއެއް ހިމެނެއެވެ. މީގެއިތުރުން ތަހުގީގުކުރާ އިދާރާއިން މައްސަލަ ބަލައިގެންފައިނުވަތީ ހުށަހަޅާފައިވާ މައްސަލައެއް ވެސް ހިމެނެ އެވެ.

ޕީޖީ އޮފީހުން ބުނީ ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން އެ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްޓަކައި ތަހުގީގު އިދާރާތަކުން ސާފުކުރަންޖެހޭ ކަންކަން ސާފުކޮށްފައިވާނެ ކަމަށެވެ. އަދި ހުރިހާ ޝަކުވާއަކަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

comment ކޮމެންޓް