ކޮޕާ އެމެރިކާ: ޕެނަލްޓީގައި ކޮލޮމްބިއާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ޕެނަލްޓީގައި ކޮލޮމްބިއާ ބަލިކުރުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ//އާޖެންޓީނާ ޓީމް

މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކޮލޮމްބިއާ ބަލިކޮށް އާޖެންޓީނާއިން ފައިނަލަށް ދަތުރު ކޮށްފި އެވެ.

ބްރެޒިލްގެ އެސްޓޭޑިއޯ ނޭސިއޮނެލް ޑެ ބްރެޒިލިއާ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ޖެހި ޕެނަލްޓީގަ އެވެ. ކޮޕާ އެމެރިކާ މުބާރާތުގައި އިތުރުވަގުތުގެ ދެ ހާފު ކުޅޭނީ ފައިނަލުގައި އެކަންޏެވެ. އެއާ އެކު އާޖެންޓީނާ ފައިނަލުގައި ބައްދަލު ކުރާނީ ޕެރޫ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ބްރެޒިލް އެވެ.

މިއަދުގެ މެޗު ފަށައިގެން ހަތްވަނަ މިނަޓުގައި އާޖެންޓީނާ ވަނީ ލީޑު ނަގައިފަ އެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ދިން ބޯޅައަކުން އެ ގޯލު ޖެހީ ލައުޓަރޯ މާޓީނެޒް އެވެ. މިއީ މާޓީނެޒް މި މުބާރާތުގައި ޖެހި ތިންވަނަ ގޯލެވެ. އަދި މެސީގެ ފަސްވަނަ އެސިސްޓް ވެސްމެ އެވެ.

އާޖެންޓީނާގެ ގޯލަށްފަހު ކޮލޮމްބިއާއިން ޓީމު ކުރިއަށް ޖައްސައިގެން ކުޅުނު އިރު، އެ ޓީމުން ވަނީ އެ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އަދި ކޮލޮމްބިއާއިން ދެފަހަރެއްގެ މަތިން ދަނޑީގައި ޖެހި އިރު، މެސީ ނަގައިދިން ކޯނަރަކުން ނިކޮލަސް ގޮންޒާލެޒް ބޮލުން ޖެހި ނުރައްކާތެރި ހަމަލާ ކޮލޮމްބިއާ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ކޮލޮމްބިއާއިން ކައުންޓާ އެޓޭކެއްގައި ނަތީޖާ ހަމަހަމަ ކުރީ ލުއިސް ޑިއަޒްއެވެ. އެއަށްފަހު އާޖެންޓީނާއިން އަނެއްކާވެސް ކުރިއަށް ޖައްސައިގެން ހަމަލާތައް އިތުރު ކުރި އިރު، މުޅިން ހުސްކޮށްލާފައި ޑިމާރިއާ ދިން ބޯޅަ މާޓީނެޒް ޖެހީ ގޯލުގައި ހުރ ޑިފެންޑަރު ގައިގަ އެވެ.

އެއަށްފަހު މެސީ ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑީގައި ވެސް ވަނީ ޖެހިފަ އެވެ.

މެޗުގެ ފުރިހަމަ މިނަޓު ހަމަވުމުން ޖެހި ޕެނަލްޓީގައި އާޖެންޓީނާ ކުރި ހޯދީ 2-3 ޕެނަލްޓީންނެވެ. އެއާ އެކު އެންމެ ފަހުން ކުޅެވުނު ހަތަރު ކޮޕާ އެމެރިކާގެ ތެރެއިން އާޖެންޓީނާ މިއީ ފައިނަލަށް ދަތުރު ކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެފަހަރުވެސް ފައިނަލުގައި އާޖެންޓީނާ ބަލިވީ ޕެނަލްޓީ ޖަހައިގެން ޗިލީ އަތުންނެވެ.

comment ކޮމެންޓް