ނަފުރަތުގެ ބިލް ފާސް ކުރުމާ ދިހަ މެންބަރަކު ދެކޮޅު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ނަފްރަތު އުފެއްދުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނުނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

މަޖިލީހުގެ 10 މެމްބަރުން ސޮއި ކުރައްވައި މިއަދު ނެރުނު ބަޔާނުގައި ވަނީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ކަށަވަރު ކޮށްދީފައިވާ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތީން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނި ކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ވެސް ބޮޑެތި ކަންބޮޑުވުން ތަކެއް ހުރި ބިލެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ރައްޔިތުންގެ މެދުގައި ބައެއް ފަރާތްތަކުން އުފައްދަމުންދާ ނަފުރަތުގެ އަމަލުތަަކަކީ ހުއްޓުވަން ޖެހޭނެ އަމަލު ތަކެއްކަން ގަބޫލުކުރާ ކަމަށެވެ.

ނަފުރަތުގެ އަމަލު ތަކުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަށް ބޮޑެތި ގެއްލުން ތަކާއި އަނިޔާތައް ލިބިފައިވާކަމީ ދެބަސް ވެވެން ނެތް ހަގީގަތެއް ކަމަށްވާއިރު މިއީ ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނަަމަވެސް ގާނުނުލްއުގޫބާތަށް 24 ވަނަ މާއްދާގެ ގޮތުގައި އިތުރު ކުރުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މިކަމުގެ ހައްލު ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ބިލަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު، މައްސަލަ ހައްލުނުވެ، އެކަން އިތުރަށް ގޯސްވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިސްލާމް ދީނުގެ އަސްލު ތަކާ ރައްޔިތުންގެ ހައްގުތަކާ ގުޅޭ އެފަދަ ބިލް ތަކަކީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ދީނީ އިލްމުވެރިނާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ ލަފައާ މަޝްވަރާ އާއެކު ޑްރާފްޓް ކުރެވި ފާސް ކުރަން ޖެހޭ ބިލް ތަކެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބިލުގެ މަސައްކަތް ކުރިއިރު، ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ އެކަށީގެންވާ މިންވަރަށް ހޯދާފައި ނުވާކަން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ބިލްގެ މަސައްކަތް ކަމާއި ގުޅުންހުރި ކޮމެޓީން ކުރަމުން ދާއިރު

އިސްލާމިކް މިނިސްޓްރީ އާއި ހިއުމަންރައިޓްސް ކޮމިޝަނުން އެ ބިލަށް ހުށަހެޅި ގިނަ އިސްލާހުތަކަށް ރިއާޔަތް ކުރުމެއް ނެތި، ޖުޑިޝަރީ ކޮމިޓީން ބިލް ފާސްކޮށްފައިވާތީ އެ މެމްބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

"މި މައްސަލައާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި މަޝްވަރާގެ ރިވެތި އުސޫލުގެ މަތީން ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ގާނުނުތައް އިސްލާހު ކުރުމަކީ މުހިއްމު ކަމެއް ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

މިހާރު ހުށަހަޅާފައިވާ ގޮތަށް އެ ބިލް ފާސް ކުރުމަކީ ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ގައުމު އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ގަބޫލު ކުރެވޭތީ މިހާރު ހުށަހަޅާފައިވާ ގޮތަށް ބިލް ފާސް ކުރުމަށް ތާއީދު ނުކުރާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

އެ ބަޔާން ނެރުއްވި މެމްބަރުން

  • ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
  • ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  • ވިލިނިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
  • ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް
  • ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް
  • ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު
  • އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
  • ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު

އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ވާހަކަދައްކަވަމުންނެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން އެ ބިލްގައި ވަނީ ހިމަނާފަ އެވެ.

ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

comment ކޮމެންޓް