ޕްރައިވެސީ ގާނޫނަށް ގެންނަ ބަދަލާއެކު ހޮންކޮންގްގައި ހިންގާ ޓެކް ކުންފުނިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ އެ ކުންފުނިތަކުގެ އެޕްލިކޭޝަންތައް ހޮންކޮންގ ގައި ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރުދީފިއެވެ.
ފޭސްބުކާއި، އިންސްޓަގްރާމް، ގޫގުލް އަދި ޓުވިޓާ ހިމެނޭ އޭޝިއާ އިންޑަސްޓްރީ ގުރޫޕުން ބުނީ ހޮންކޮންގގެ ޕްރައިވެސީ ގާނޫނަށް ގެންނަ ބަދަލާއެކު ބޮޑެތި ދަތިތަކާ ކުރިމަތި ވާނެކަމަށެވެ. މީގެ އިތުރުން އެ ގާނޫނު ބަދަލުކޮށްފިނަމަ އެ ކުންފުނިތަކުން ދޭ ހިދުމަތް މެދުކަނޑާލަން ޖެހިދާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އެގޮތުން މިހާރު ޕްރައިވެސީ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތައް ފާސްކޮށްފިނަމަ އެ ކުންފުނިތަކުގެ އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެކަމަށްވެސް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ. މިކަންކަން ފާހަގަކޮށް ހޮންކޮންގްގެ ޕްރައިވެސީ ކޮމިޝަނަރަށް ސިޓީއެއްވެސް ވަނީ ފޮނުވާފައެވެ.
ހަމައެއާއެކު ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ފިޔަވަޅުއެޅުމަކީ ބައިނަލްއަގްވާމީ އުސޫލުތަކާ ދުރުކަމެއް ކަމަށްވެސް އެ ސިޓީގައިވަނީ ފާހަގަކޮށްފައެވެ. އަދި މި ފިޔަވަޅުތައް އެޅުމުން މަނާވެވެން އޮތީ މިހާރު އެ ކުންފުނިތަކުން ހޮންގްކޮންގްގައި ދެމުންގެންދާ ހިދުމަތްތައް ހުއްޓާލައިގެންކަމަށްވެސް ވަނީ ފަހާގަކޮށްފައެވެ.
ހޮންގްކޮންގްގައި ގިނަ އަދަދަކަށް މީހުންގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ހާމަކުރުން އާންމުވެފައިވާއިރު ޕްރައިވެސީ ގާނޫނަށް އަލަށް ހުށައަޅާ އިސްލާހުތަކާއެކު މިކަމަށް ހައްލު ހޯދުމަކީ އެންމެ މުހިންމު އެއް ބޭނުމެވެ.
އެހެންނަމަވެސް މި ގާނޫނަށް ގެންނަ އިސްލާހުތައް ފާސްކޮށްފި ނަމަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ހަނިވެގެންދާނެކަމަށްވެސް ޓެކް ކުންފުނިތަކުން ވަނީ ބުނެފައެވެ.