ދިހަ މޭލަށްވުރެ ދުރަށް ސިގްނަލް ފޯރުކޮށްދޭ އައު ވައިފައި ރައުޓަރެއް ތަޢާރަފްކޮށްފި

ދިހަ މޭލަށްވުރެ ދުރަށް ސިގްނަލް ފޯރުކޮށްދޭ އައު ވައިފައި ރައުޓަރެއް ތަޢާރަފްކޮށްފިއެވެ.

މޯސް މައިކްރޯއިން ތަޢާރަފްކުރި މި ރައުޓަރު ވެގެންދާނީ ވައިފައި ރައުޓަރުތަކުގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ އައު ރައުޓަރެއް ކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ.

އެމް.އެމް-އެޗް.އެލް1-އީ.އެކްސް.ޓީ ނަމަކަށް ކިޔާ މި ރައުޓަރަކީ، މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ދުރަށް ސިގްނަލް ފޯރުކޮށްދޭ ރައުޓަރުކަމަށް ރިޕޯޓްތައް ބުނެއެވެ.

އިމާރާތްތައް ގިނަ ތަރައްޤީ ސަރަޙައްދުތަކުގައި މި ރައުޓަރު ބޭނުންކޮށްގެން 10 މޭލު ދުރަށް، ސިގްނަލް ފޯރުކޮށްދޭއިރު، މަދަނީ ސަރަހައްދުތަކުގައި 1.86 މޭލު ދުރަށް ވައިފައި ސިގްނަލް ފޯރުކޮށްދެވޭނެއެވެ.

މޯސް މައިކްރޯގެ ހަލޯލިންކް-1 ސިލްސިލާގެ ތެރެއިން ނެރެފައިވާ މި ރައުޓަރަކީ އައި.އީ.އީ.އީ 802.11 އޭއެޗް ވައިފައި ހަލޯ މިންގަނޑަށް ފެތޭ ރައުޓަރެކެވެ.

މޯސް މައިކްރޯގެ ސީއީއޯ މައިކަލް ޖޯންސް ވިދާޅުވި ގޮތުގައި މި ރައުޓަރަކީ ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގައި އެކި ރަށްރަށުގެ މެދުގައި މުވާސަލާތު ކުރުމަށް ވަރަށް ބޮޑަށް ބޭނުންކުރެވިދާނެ ރައުޓަރެކެވެ.

މި ރައުޓަރުގެ އެންމެ ބޮޑު ޚާއްސަކަމަކީ އެމެރިކާގައި 900 މެގަހާޓްޒް ބޭންޑްގައި މަސައްކަތް ކުރުމުގެ އިތުރުން 2.4 ގިގަހާޓްޒް ވައިފައި-4 (802.11އެން) ގައިވެސް މަސައްކަތް ކުރެވުމެވެ.

ރައުޓަރުގައި ހިމެނޭ މީޑިއާޓެކް އެމް.ޓީ7621އޭ ޑުއަލް-ކޯ ސީ.ޕީ.ޔޫގެ އިތުރުން 256އެމް.ބީ ރެމް އަދި 32އެމް.ބީ ސްޓޯރޭޖް ހިމެނެއެވެ.

މި ރައުޓަރުގެ ރޭޑިއޯ މޮޑިއުލް ހިމެނެނީ މޯސް މައިކްރޯގެ އެމް.އެމް6108 ޗިޕްސެޓް އަދި އަޒުރެވޭވް އޭ.ޑަބްލިއު-އެޗް.އެމް593 އެވެ.

މި ރައުޓަރަކީ އަމިއްލަ އެކްސެސް ޕޮއިންޓެއްގެ ގޮތުގައި ނުވަތަ އެކްސްޓެންޑަރެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ ރައުޓަރެކެވެ.

ބޭނުންކޮށްލަން ފަސޭހަ ދުރަށް ސިގްނަލް ފޯރުކޮށްދޭ ރައުޓަރ ---

މި ރައުޓަރު މިހާރު ވަނީ އެމެރިކާގެ އެފްސީސީ، ކެނެޑާގެ އައިސީ އަދި އޮސްޓްރޭލިއާގެ އާރްސީއެމް ސެޓިފިކެޓްތައް ހޯދާފައެވެ.

މޯސް މައިކްރޯއިން ހާމަކޮށްފައިވާ ގޮތުގައި މި ރައުޓަރުގެ އަގަކީ 99 ޑޮލަރެވެ. މިހާރު މައުސައިން މި ރައުޓަރު ވިއްކަން ފަށާފައިވީ ނަމަވެސް، މިވަގުތު ވިއްކުމަށް ލިބެން ހުރީ މަދު އަދަދެއްގެ ރައުޓަރެވެ. އިތުރު ރައުޓަރުތައް 2025 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުގެ ކުރިން ލިބޭނެ ކަމަށް ބެލެވޭއިރު، ބޮޑެތި އޯޑަރުތައް ފެކްޓްރީން ފޯރުކޮށްދިނުމަށް އަށް ހަފްތާ ނަގާނެ ކަމަށް ބުނެއެވެ.

ވައިފައި ހަލޯ ނުވަތަ އައިއީއީއީ 802.11 އޭއެޗް ޓެކްނޮލޮޖީ ތަރައްޤީކުރުމަށް މޯސް މައިކްރޯއިން ވަނީ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ. މި ކުންފުނިން 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު ހެދި ޓެސްޓުތަކުގައި، ކޮއިން ސެލް ބެޓެރީއެއް ބޭނުންކޮށްގެން މަސްތަކެއް ވަންދެން ދެ މޭލު ދުރަށް ވައިފައި ސިގްނަލް ފޯރުކޮށްދެވުނެވެ. އަދި ސެޕްޓެމްބަރު މަހު މި ދުރުމިން 10 މޭލަށް އިތުރު ކުރުމަށް އެ ކުންފުނިން ކުރި މަސައްކަތް ވަނީ ކާމިޔާބު ވެފައެވެ.

އެންމެ ފަހުން، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވި ސީއީއެސް މައުރަޒުގައި މޯސް މައިކްރޯއިން ވަނީ 10 މޭލު ދުރަށް، 250އެމްބީޕީއެސް ސްޕީޑުގައި ސިގްނަލް ފޯރުކޮށްދޭ އިތުރު ރައުޓަރުތަކެއް ދައްކާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު