ދެެ ޤައުމަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލް ކަމަށް ބޭފުޅުން ކަނޑައަޅައިފި

ދިވެހިރާއްޖޭގައި ހުންނަވާ ހަންގޭރީ އަދި އިންޑޮނޭޝިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން ހަމަޖައްސަވައިފި އެވެ.

ދިވެހިރާއްޖޭގައި އެގައުމުތަކުގެ އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދެއްވައި، އެކަމުގެ ލިޔުން (އެގްޒެކެޓަރ) ހަވާލު ކޮށްދެއްވާފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ.

މިއަދު އެގްޒެކެޓަރ ހަވާލުކުރެއްވީ ހަންގޭރީ އަދި އިންޑޮނޭޝިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލުންނަށެވެ.

ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އެގައުމުގެ އޮނަރަރީ ކޮންސުލްއަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ. ޖަނާހަކީ ރިސޯޓު ކޮންޓްރަކްޝަން ކުންފުނި ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ވެރިޔާއެވެ.

މީގެ އިތުރުން އިންޑޮނޭޘިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އެގައުމުގެ އޮނަރަރީ ކޮންސުލްއަކީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ޖާހް ކުންފުނީގެ ވިޔަފާރިވެރިޔާ ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު)އެވެ.

އެކި ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އޮނަރަރީ ކޮންސުލް އިންނަކީ އެގައުމުތަކުގެ ސަރުކާރުން ކަނޑައަޅުއްވާ، އެގައުމުތަކުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތަކުގައި އެހީތެރިވުމަށް ތިއްބަވާ ބޭފުޅުންނެވެ.

comment ކޮމެންޓް