ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާދިނުން ލަސްވާތީ މަސީއިން ސަރުކާރާ މަޝްވަރާކުރަނީ

ބިން ހިއްކުމުގެ މަސައްކަތެއް: ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުން ލަސްވާތީ، މަސީއިން ސަރުކާރާ އެކު މަޝްވަރާ ކުރަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ހިންގާ ޕަބްލިކް ސެކްޓާ އިވެންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން އަތޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ފައިސާ ދޫކުރުން ލަސްވާތީ، މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ސަރުކާރާއެކު މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

މަސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ އަތޮޅުތަކުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދޫކުރުމުގައި ވަރަށް ބޮޑަށް ލަސްވެ، ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ނުލިބި ހުރި ފައިސާއާއި މަސައްކަތަށް ފަހު އިންވޮއިސް ހުށަހެޅުމުން ވެސް ފައިސާ ލިބުން ލަސްވާ ކަމަށެވެ. މި ކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން ސަރުކާރާ މަޝްވަރާ ކުރުމަށް ޚާއްސަ ވަގުތީ ކޮމިޓީއެއް މަސީއިން ވަނީ މިއަދު އުފައްދައިފިއެވެ.

މަސީއިން ބުނީ، އެ އެސޯސިއޭޝަނުން އެކުލަވާފައިވާ ވަގުތީ މަޝްވަރާ ކޮމިޓީގައި ހިމެނެނީ ޗެއާޕާސަން އިބްރާހީމް މުއްތަލިބާއި، ވައިސް ޗެއާޕާސަން އަދި ޓްރެޝަރާ ހަސަން ހަބީބާއި، ހިންގާ ކޮމިޓީގެ މެންބަރު އަމްޖަދު މުސްތަފާ އާއި، ހިންގާ ކޮމިޓީގެ މެންބަރު މުޙައްމަދު ޝާކިރުގެ އިތުރުން މުހައްމަދު ޖަލާލު ވަހީދާއި ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމު ކަމަށެވެ.

މި ކޮމިޓީގެ މަސައްކަތްތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން މަސީގެ ސެކްރެޓޭރިއެޓުން މިހާރު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހަކީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރެވެ.

މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ވަނީ ކުޑަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 25ގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ޕީއެސްއައިޕީއަށް އެހާތަނަށް ޚަަރަދުކޮށްފައިވަނީ 3.28 ބިލިއަން ރުފިޔާއެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެހާތަނަށް 5.64 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

comment ކޮމެންޓް