ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ވަޒީފާ ދޭން ހެޔޮވެސް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންނާއި ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދާތީ ކަމަށް ބުނެ އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން އިޔާޒު ވަކިކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރީ އިންސާފުން ނޫން ކަމަށް ބުނެ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅާނެ ކަމަށް އިޔާޒު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އާޒިމު މިއަދު ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ އިޔާޒަކީ އަންހެނުން ތިބެންވާނީ ހަމައެކަނި ދަރިންބަލައި ފިރިހެނުން އުފާކޮށްދިނުމަށް ކަމަށް ވިސްނައިދިނުމަށް މަސައްކަތް ކުރާ މީހެއް ކަމަށާއި އިޔާޒަށް ވަޒީފާ ދޭން ހެޔޮވެސް ނުވާނެ ކަމަށެެވެ.
"އަންހެނުން ތިބެއްވާނީ ހަމައެކަނި ފިރިހެނުން އުފާކޮށްދީ، ދަރިންބަލާ، ފިރިހެނުންގެ ހިދުމަތުގައިކަން ވިސްނާދިނުމަށް މަސައްކަތް މީހެއް. ވަޒީފާދޭން ހެޔޮނުވާނެ" އާޒިމް ވިދާޅުވިއެވެ.
ޑރ.އިޔާޒުގެ އިތުރުން އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރަރު ޝައިޚު އަލީ ޒައިދުއާ ދޭތެރޭވެސް އެ ޔުނިވާސިޓީން ވަނީ ފިޔަވަޅު އަޅާފައެވެ.
ޒައިދުއާ ދޭތެރޭވެސް ފިޔަވަޅު އަޅާފައިވަނީ ސޯޝަލް މީޑިއާގައި ލިޔުނު ލިޔުންތަކަކާ ގުޅިގެން ކަަމަށް އެމްއެންޔޫއިން ބުނެއެވެ.