އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ

ކޮވިޝީލްޑް ވެކްސިން ފުޅިއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފަށަން އެޗްޕީއޭއިން ނިންމައިފިއެވެ.

ކޮވިޝީލްޑަކީ ރާޢްޖޭގައި ކޮވިޑް19 އާ ދެކޮޅަށް އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިނެވެ. އަދި އެއީ ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހާފައިވާ ވެކްސިންވެސް މެއެވެ.

ނަމަވެސް އެ ވެކްސިން އުފައްދާ އިންޑިއާގައި ކޮވިޑް19 ގެ ހާލަތު ގޯސްވެ, ވެކްސިން އިމްޕޯޓުކުރުމަށް ހުރަސްތަކާ ކުރިމަތިވުމުން ރާއްޖޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި އެންމެންނަށް ދެވަނަ ޑޯޒް ޖަހާވަރަށް ވެކްސިން ނުލިބި އެ ވެކްސިން ޖެހުން މެދުކަނޑާލުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ވެކްސިން ފުރިހަމަ ނުކުރެވިފައެވެ.

މިރޭ އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ވެކްސިން ޖެހުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ.

އަދި ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން, ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މާޑަމާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭއިން ގުޅާމުން ދާނެ ކަމަށެވެ. އަދި އެޕޮއިންޓޤމަންޓް ލިބުމުން ކަނޑައެޅިފައިވާ ވަގުތުގައި ކަނޑައެޅިފައިވާ ތަނަށް އައުމަށް ސަމާލުކަން ދިނުމަށްވެސް އެދިފައިވެއެވެ.

"ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަދައިގެން ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ," އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ވެކްސިން ޖަހަން ދާ އިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަށާއި ވެކްސިން ކާޑު ގެނައުމަށް އެޗްޕީއޭއިން ހަނދާންކޮށްދެއެވެ.

ރާއްޖޭގައި މިވަގުތު ޖަހައިދެމުން ދަނީ ސިނޮފާމް ވެކްސިނެވެ. އަދި ހާއްސަ ހާލަތްތަކުގައި ހާއްސަ ފައިޒާ ވެކްސިން ޖަހަމުން ދެއެވެ.

https://sun.mv/153118

މިވަގުތު ރާއްޖޭގައި ޖުމްލަ 317,244 މީހުން ވެކްސިން ޖަހާފައިވާ އިރު, އޭގެ ތެރެއިން 191,725 މީހުންނަކީ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނެވެ. އެހެން ކަމުން 125,500 އެއްހާ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ލިބިފައެއް ނުވެއެވެ. އޭގެ ތެރޭގައި ގިނައީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނެވެ.

ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ތެރޭގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން އެޗްޕީއޭއިން މީގެ ކުރިން ނިންމި ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފުރަތަމަ ޑޯޒަށްފަހު ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒް ޖެހޭނެކަމަށާއި އެގޮތަށް ހެދިދާނެކަމުގެ ލަފާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް