މިދިޔަ އަހަރު ޓީބީ ޖެހިގެން 148 ކޭސް ރިޕޯޓުކުރި

އައިޖީއެމްއެޗު ސަރަހައްދުން ދެމީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ: -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ޓީބީ ޖެހިގެން 148 ކޭހެއް ރިޕޯޓުކުރި ކަމަށާއި 2030 ވަނަ އަހަރާ ހަމައަށް އާންމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް ޓީބީ މަދުކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަހަރުގެ ދުނިޔޭގެ ޓީބީގެ ދުވަހުގެ ޝިއާރަކީ "ޔެސް ވީކޭން އެންޑް ޓީބީ: ކޮމިޓް، އިންވެސްޓް، ޑެލިވާ"އެވެ.

މިއަހަރުގެ ދުނިޔޭގެ ޓީބީ ދުވަހާ ދިމާކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، މި ބަލީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވާ ކަމަށް 2023 ވަނަ އަހަރުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާފައިވާ ކަމަށެވެ.

މިގޮތުން، އެ އަހަރު އެކަނި ވެސް ދުނިޔޭގެ 10.8 މީހުންނަށް ޓީބީ ޖެހިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، ހަ މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެނުންނާއި 1.3 މިލިއަން ކުޑަކުދިންނެވެ.

މި ބަލި ދުނިޔޭން ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2014 ވަނަ އަހަރު ވޯލްޑް ހެލްތު އެސެމްބްލީގަިއ މި ބަލި މަދުކުރުމަށް "އެންޑް ޓީބީ"ގެ ނަމުގައި ސްޓެރެޓެޖީއެއް ކަނޑައަޅާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ދެހާސްތިރީސްވަނަ އަހަރާ ހަމައަށް، ޓީބީ މަދުކުރެވިފައިވާ ގައުމަކަށް ހެދުމަށް ރާއްޖޭން މަސައްކަތް ފަށާފައިވާއިރު، 100 ރަށެއްގައި ޓީީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އޭގެއިތުރުން، ރާއްޖޭން ޓީބީ ނައްތާލުމަށް މަސައްކަތް ކުރުމަށް އަމާޒުކޮށްގެން 2018ގައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލި ކަމަށާއި މަސައްކަތަށް ބޭނުންވާ ފަންނީ ގައިޑްލައިންތައް މިހާރު އެކުލަވާލާފައިވާ ކަން އެޗްޕީއޭއީން ފާހަގަކޮށްފައިވެއެވެ.

ޓީބީ އަކީ ބެކްޓީރިއާއެއްގެ ސަބަބުން އާންމުކޮށް ފުއްޕާމެއަށް ޖެހޭ ބައްޔެކެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޖެހޭ މި ބަލި ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހިގެން ކުޅުން ޖަރާސީމު ފެންނަ ބަލި މީހުންގެ ފަރާތުންނެވެ.

މި ބައްޔަށް ދެވޭ ފަރުވާއަކީ ހަ މަހުގެ މުއްދަތަށް ދެވޭ ފަރުވާއަކަށްވާއިރު، ފުރިހަމައަށް މި ބައްޔަށް ފަރުވާ ކުރެވިއްޖެ ނަމަ، މިއީ ފަސޭހަވާ ބައްޔެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަތަރަކުން ފެށިގެން ރާއްޖޭގައި ވެސް ޓީބީއަށް ފަރުވާ ދެމުން އަންނަނީ ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް އުސޫލުންނެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ، ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުމާއި ވަރުދެރަވުމާއި ހީކެރުވުމާއި އާދަޔާ ޚިލާފަށް ދާހިތްލުމާއި ހުންއައުމާއި މޭގައި ރިއްސުމާއި ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން ކެއްސުން އަދި، ކެއްސާފައި އަންނަ ދަވާގައި ލޭ ހުރުމެވެ.

އެހެންކަމުން، މި ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމެވެ. އެއީ:

  • ޓީބީ ޖަރާސީމު ހުރިކަން ނުވަތަ ނޫންކަން ޔަގީން ކުރުމަށް ޓީބީއަށް ޓެސްޓުކޮށް އަވަހަށް ފަރުވާ ހޯދުން
  • ކެއްސާ ކިނބިހި އަޅާއިރު، އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުން
  • ތަންތަނަށް ކުޅު ނުޖެހުން
  • ބަލި ޖެހިފައިވާ މީހަކު ދިރިއުޅޭނަމަ ގޭގައި ރަނގަޅަށް ވައި ދައުރުވާހެން ބެހެއްޓުން
comment ކޮމެންޓް