ސުޕްރީމް ކޯޓުގެ ހުކުމާއެކު ދޫވި މަފްތޫހު އަނެއްކާވެސް ހައްޔަރުކޮށްފި

މެއި 13، 2021: ފުލުހުން ކުރިޔަށް ގެންދިޔަ ހަރުކަށި ފިކުރުގެ އޮޕަރޭޝަނެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހަރުކަށިފިކުރުގެ ތުހުމަތުކުރެވޭ ގއ. ކޮލަމާފުށި، ވިކްޓްރީ، މަފްތޫހު ސައީދު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް 14 ދުވަހަށް ބަންދުކޮށްފިއެވެ.

މަފްތޫހަކީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީއިން ހަރުކަށި ފިކުރަށް ތާއީދުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެކަކެވެ. އޭނާ ބަންދުން ދޫވީ ސުޕްރީމް ކޯޓުން ޖުލައި 30 ގައި ކުރި ހުކުމަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މަފްތޫހު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޖުލައި 1 ވަނަ ދުވަހުކަމަށެވެ. އަދި އޭނާގެ ބަންދަށް ވަނީ 14 ދުވަސް ޖަހާފައެވެ.

އޭނާއަށާއި އޭނާއާއެކު ހައްޔަރުކުރި މީހުންގެ މައްޗަށް ނުރައްކާތެރި ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

އައްޑޫ ސިޓީގައި އޮޕަރޭޝަނުގައި ޖުމްލަ ނުވަ މީހުން ހައްޔަރުކުރި އިރު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެންމެ ފުރަތަމަ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެ 15 ދުވަހަށް ފަހު ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމަން ހިތަދޫ ކޯޓަށް އެމީހުން ހާޒިރުކުރުމުން މަފްތޫހުގެ އިތުރުން ހަތަރު މީހަކު ހެކި ނެތިގެން އެކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެ ފަސް އަމުރުވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ބާތިލުކޮށް, އެމީހުން އަލުން ބަންދުކުރަން ހައިކޯޓުން އަމުރުކުރިއެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުގައި މަފްތޫހުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމުން އެ ކޯޓުން ޖޫން 30 ވަނަ ދުވަހު ހުކުމް ކުރީ އޭނާގެ މައްޗަށް ފުލުހުން ހުށަހެޅި އިންޓެލް ރިޕޯޓުގެ އިތުުރުން އެހެން ހެކި ހުރިތޯ ބަލައި, ހުރިނަމަ ދަށު ކޯޓަށް ހުށަހަޅާއިގެން ބަންދުކުރުމުގެ އަމުރަކަށް އެދެވޭނެކަމަށް ނިންމުމުންނެވެ. އެ ހުކުމާއެކު އޭނާ ބަންދުން ދޫވީއެވެ.

comment ކޮމެންޓް