އިންޑިއާ އާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން އަދި ޗައިނާ އެމްބަސީގެ ސަލާމަތީ ކަންކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރާއި ޗައިނާ އެމްބަސީ ކުރިމަތީ މުޒާހަރާކުރާނެކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީވެ އެ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާކަމަށެވެ.

އެ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެ އެމްބަސީތަކުން ފޮރިން މިނިސްޓްރީގައި އެދުނު އެދުމުގެ މަތިން އެމްއެންޑީއެފުން މިހާރު ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނިގޮތުގައި އެމްބަސީތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ޖެހުނީ ދޭދޭ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ޓްވީޓުތަކެއް 'ދިޔަރެސް' ނޫހުން އާންމުކުރުމާއި ގުޅިގެންނެވެ.

އެ ނޫހުން ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުންވެސް ހަގީގަތާއި ހިލާފް ވާހަކަތަކެއް އާންމުކޮށްފައިކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މާލޭގައި ހުންނަ ޗައިނާ ހައިކޮމިޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މިނިސްޓްރީއިން ބުނިގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި އެ ގައުމުތަކާއެކު އޮންނަ ގުޅުމަށްވެސް ބުރޫއެރުމަކީ އެކަށީގެންވާކަމެކެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަމުގައި އެ މިނިސްޓްރީއިން ބުންޏެވެ.

"އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި، ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތްތަކަށް ހަގީގަތާ ހިލާފު ހަބަރުތައް ނުފެތުރުމަށް އެ މިނިސްޓްރީއިން މި ބަޔާނުގައި އިލްތިމާސްކުރިއެވެ.

ފޮރިން މިނިސްޓްރީއިން ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން ދޭދޭ ގައުމުތަކާ ދެމެދުގައި އޮންނަ ގުޅުމަށް އަސަރުކުރާ ގޮތަށް އަމަލުކުރަމުންދާކަމަށް ބުނެ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށް މިއަދު މެންދުރުވެސް ބަޔާނެއް ނެރެފައެވެ.

އެ ބަޔާން ނެރުނީ އިންޑިއާ ހައިކޮމިޝަނުގެ ޑިޕްލޮމެޓުންގެ ކަރާމާތަށް އުނިކަމެއް އަންނަ ފަދަ ގޮތަކަށް ރާއޖޭގެ ބައެއް މީޑިއާތަކުން އަމަލުކުރާކަމަށް ބުނެ ހައި ކޮމިޝަނުން އެ މިނިސްޓްރީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

comment ކޮމެންޓް