ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެ ޔުނިވާސިޓީން ވަކިކުރުން ކުށްވެރިކޮށް, އެ ނިންމުން ބާތިލުކުރަން އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން ގޮވާލައިފިއެވެ. އެ ޕާޓީން ބުނީ ގައުމީ ޔުނިވާސިޓީ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު އެ ނިންމުމުން ދޭހަކޮށްދޭ ކަމަށެވެ.
އަދާލަތު ޕާޓީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ޑރ. އިޔާޒްއާއި ދެކޮޅަށް އެޅި ފިޔަވަޅަކީ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް އެޅި ފިޔަވަޅެއްކަމަށާއި އަދި ސަބަބެއް ނެތި މިފަދަ ފިޔަވަޅުތައް ދީނީ ޢިލްމުވެރިންނާމެދު އެޅުމަކީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫންކަމަށް ބުނެފައެވެ.
ޑރ. އިޔާޒް އަކީ ރައްޔިތުންގެ ލޯބި އަދި އިހުތިރާމް ލިބިފައިވާ ދަންނަބޭކަލެއްކަމަށާއި އަދި ގައުމީ ޔުނިވާސިޓީގެ އެފަދަ މަޤާމެއްގައި ހުންނަވައިގެން ރާއްޖޭގެ އިލްމީވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކާ މެދު އެޅި އެ ފިޔަވަޅަކީ އިންސާފުން ބޭރު، އަދުލުވެރި އިޖުރާއަތެއް ނެތި އަޅާފައިވާ ފިޔަވަޅެއްކަމަށް އަދާލަތު ޕާޓީއިން ވަނީ ބުނެފައެވެ.
އަދާލަތު ޕާޓީއިން ވަނީ މިނިވަންކަމާއެކު އިސްލާމްދީނާއި ހިލާފް ނުވާ ގޮތަށް ހިޔާލު ފާޅުކުރުން އަސާސީ ހައްގެއްކަމުގައި ކަނޑައަޅާފައިވާ ޒަމާނެއްގައި ރާއްޖޭގެ އެންމެ ބޮޑު ތައުލީމީ މުއައްސަސާއިން އިލްމުވެރިން ދައްކަވާ ވާހަކަތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ ކަންބޮޑުވާކަމެއްކަމަށް ބުނެފައެވެ.
"މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީޢަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ކުރެވޭ އިލްމީ ބަހުސްތަކާއި މުނާޡަރާތަކަށް އޮންނަންޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެއެވެ." އަދާލާތު ޕާޓީއިން ނެރުނު ބަޔާނުގައިވެއެވެ.
ގައުމީ ޔުނިވާސިޓީއަށް ސިޔާސީ ނޫފޫޒު ފޯރާފައިވާ މިންވަރު ޑރ. އިޔާޒް ވަޒީފާއިން ވަކިކުރުމުން ދައްކުވައިދޭކަމަށާއި އަދި މިއީ މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ ޢިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ އެއްބައިކަމަށް އެ ޕާޓީއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ޕާޓީއިން އިތުރަށް ބުނިގޮތުގައި ޑރ. އިޔާޒްއާ ދެކޮޅަށް އެޅި ފިޔަވަޅަކީ ބައެއްގެ ނާޖާއިޒު ސިޔާސީ ނުފޫޒުގެ ދަސުން އެޅި ފިޔަވަޅެކެވެ. އަދި އެ ފިޔަވަޅަކީ ޑރ. އިޔާޒް ސާބިތުކަމާއެކު ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް ދީނާއި ދެކޮށް ހިންގާ އުދުވާންތައް ހުއްޓުވަން ކުރާ މަސައްކަތް ނިންމުމަކަށް ގެންނަން އެޅި ފިޔަވަޅެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އަދާލަތު ޕާޓީއިން ވަނީ އެޕާޓީގެ އިސްފަނޑިޔާރުކަމާއި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސްކަން ކުރައްވާ އިޔާޒްއާއި ދެކޮޅަށް ގައުމީ ޔުނިވާސިޓީއިން އެޅި ފިޔަވަޅު ބާތިލުކޮށް އިޔާޒަށް އަލުން ވަޒީފާ ދިނުމަށް ގޮވާލައިފައެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އިޔާޒްއާ ދެކޮޅަށް އެޅި ފިޔަވަޅު ކުށްވެރިކޮށް އެ ނިންމުން މުރާޖައާކުރަން ގޮވާލައްވައިފައެވެ.
އެމްއެންޔޫގައި އެސިސްޓަންޓް ޕްރޮފެސަރުގެ ވަޒީފާއިން ޑރ. އިޔާޒް ވަކިކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ޑރ. އިޔާޒް ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަން އިސްލާހު ނުކޮށްގެންކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.