32 ރަށެއްގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރަން އެއްބަސްވުންތަކުގައި ސޮއިކޮށްފި

ހަތަރު އަތޮޅެއް ހިމެނޭ ގޮތަށް 32 ރަށެއްގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި އެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ދެމެދު އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.

ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓު ޕްރޮޖެކްޓުގެ ދަށުން ކ، އދ، އއ، އަދި ވ. އަތޮޅުގެ ރަށްތައް ހިމެނެއެވެ. އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި ރަށު ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްތަކުގެ ރައީސުންނެވެ.

ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭއެފްފީއާއާރް އަދި ޓީއޭއެސްއެފްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

މި ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުނިކޮށް ނެތް ރަށްރަށުގައި ކުނިކޮށި އެޅުން އަދި ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރާނެ ވަސީލަތްތައް އެ ވަސީލަތްތައް ނެތް ރަށްރަށަށް ފޯރުކޮށްދޭނެކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުންޏެވެ. އެގޮތުން 15 ރަށެއްގައި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރާނެއެވެ. އަދި 11 ރަށެއްގައި މިހާރު ހުރި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރާނެއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ މި އެއްބަސްވުންތަކުގެ ދަށުން ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އުސޫލެއްގެ ދަށުން ކުނި މެނޭޖުކުރުމުގެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ނިޒާމެއް އެ ރަށްތަކުގައި ގާއިމުކޮށް ދިރިއުޅުމަށް އެކަށޭނަ މާހައުލެއް ގާއިމުކުރުންކަމަށެވެ.

comment ކޮމެންޓް