އަންނަ އަހަރު އެއާޕޯޓު ޓެކްސްތައް ބޮޑުކުރަން ނިންމި ނިންމުމާމެދު ދެވަނަ ވިސްނުކަމަށް ދާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރުން ފެށިގެން އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް މިއަދު މަޖިލީހުގެ މުޅި ކޮމިޓީން ނިންމި ނިންމުމާމެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ. ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު އޭރު ހުށަހެޅި އެ ބިލު ދިރާސާކޮށް, އިގްތިސާދީ ކޮމިޓީން މިމަހު 14 ވަނަ ދުވަހު ވަނީ ކޮމިޓީ ރިޕޯޓު ތަޅުމަށް ފޮނުވާފައެވެ. އަދި މަޖިލީހުގެ މުޅި ކޮމިޓީންވެސް މިއަދު ވަނީ އެގޮތަށް ފާސްކޮށްފައެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ, އޭރު ބިލު ހުށަހެޅީ 2020 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ކަމަށެވެ. އަދި ބިލު ހުށަހެޅި އިރު އޮތް ކޮވިޑްގެ ހާލަތު ނެތް އިރު, މިހާރު އިތުރަށް އެ ޓެކްސް ނަގާ ތާރީހާމެދު ވިސްނަން ޖެހޭ ކަމަށް ގަބޫލު ފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށްވެސް ތިކަމާ ދޭތެރޭ ވިސްނާލަން ޖެހޭ ވަގުތެއް ކަމަށް ދެކެން. އަދި މަޖިލިހުން ފާސް ކުރާއިރު, ބިލަށް އަމަލު ކުރާ ތާރީހާމެދު ވިސްނާނަން," ކޮވިޑްގެ މިހާލަތުގައި ޓެކްސް ބޮޑުކުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރުރުމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, އެ ބިލު ފާސް ކުރުމުގެ ކުރިން އެކަމާ މެދު ވިސްނައި, ކޮމިޓީއާއި މަޖިލީހާ މަޝްވަރާ ކުރާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ: ޓެކްސް ބޮޑު ކުރާ ތާރީހާމެދު ވިސްނާކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ނޫސްވެރިންގެ ބައްދަލުުވުމުގައި އެކަމާ ގުޅޭ ގޮތުން އިކޮނިމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ, އެ ތާރީހާމެދު ވިސްނާލުން ރަނގަޅު ކަމަށެވެ. ނަމަވެސް ޓޫރިސްޓު އެރަވައިލްއަށް މާބޮޑު ބަދަލެއް އެ އިސްލާހާ ގުޅިގެން އަންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މައިގަނޑު ގޮތެއްގައި ޓެކްސް ބޮޑު ކުރަނީ ހައި ކްލާސްގައި ދަތުރު ކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"10 ޑޮލަރު, 15 ޑޮލަރު އިތުރުވެގެން އެމީހުން [މުއްސަނދި ފަތުރުވެރިން] ރާއްޖެ އައުމަށް ހުރަހެއް ނެތް. އެހެންނަމަވެސް އެ ހުރިހާ ކަމަކަށްވެސް ވިސްނާނަން," ފައްޔާޒު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ, މިހާރު ނަގަމުން އަންނަ ސާވިސް ޗާޖު ނެގުން ހުއްޓާލައި, ފަސިންޖަރުން ދަތުރު ކުރާ ކުލާހަށް ބިނާކޮށް "ޑިޕާޗާ ޓެކްސް"އެއް ތައާރަފު ކުރުމަށެވެ. އޭގެ އިތުރުން ވެލާނާ އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން މިހާރު ނަގާ އެއާޕޯޓު ޑިވަލޮމްޕަންޓު ޗާޖު (އޭޑީސީ)ގެ ރޭޓް ބަދަލު ގެނައުމަށެވެ.

ޑިޕާޗާ ޓެކްސް އަދި އޭޑީސީ ނަގާނީ ފަސިންޖަރުން ދަތުރު ކުރާ ކުލާހަށް ބިނާކޮށް ކަމަށް ބިލުގައި ބުނެ އެވެ. ޑީޕާޗާ ޓެކްސް ރާއްޖޭގެ ހުރިހާ އެއާޕޯޓަކުން ފުރާ ފަސިންޖަރުން އަތުން ނަގާނެވެ. އަދި އޭޑީސީ ނަގާނީ ވެލާނާ އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުންނެވެ.

https://sun.mv/153637

comment ކޮމެންޓް