އެއާޕޯޓު ސާވިސް ޗާޖު ނެގުން ހުއްޓާލައި, ފަސިންޖަރުން ދަތުރު ކުރާ ކުލާހަށް ބިނާކޮށް ޓެކްސްއެއް ތައާރަފު ކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް, މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ނިންމައިފި އެވެ. އޭގެ އިތުރުން ވެލާނާ އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން މިހާރު ނަގާ އެއާޕޯޓު ޑިވަލޮމްޕަންޓު ފީގެ ރޭޓް ބަދަލު ކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ. ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު އޭރު ހުށަހެޅި އެ ބިލު ދިރާސާކޮށް, އިގްތިސާދީ ކޮމިޓީން މިމަހު 14 ވަނަ ދުވަހު ވަނީ ކޮމިޓީ ރިޕޯޓު ތަޅުމަށް ފޮނުވާފައެވެ.
މީގެ ދެ އަހަރާއި ބައިގެ ކުރިން ބިލު ހުށަހެޅި އިރުވެސް އޮތީ, ސާވިސް ޗާޖު ނެގުން ހުއްޓާލައި, ފަސިންޖަރުން ދަތުރު ކުރާ ކުލާހަށް ބިނާކޮށް "ޑިޕާޗާ ޓެކްސް"ގެ ނަމުގައި ޓެކްސްއެއް ތައާރަފު ކުރުމަށެވެ. އަދި ވެލާނާ އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވަލޮމްޕަންޓް ފީގެ ރޭޓުތައްވެސް ބަދަލު ކުރުމަށް ހުށަހަޅާފައިވެއެވެ.
ނަމަވެސް އޭރު އެކަން ކުރަން ފެށުމަށް ބިލުގައި ހިމެނި މުއްދަތުތައް ފަހަނައަޅާައި ގޮސްފައިވާތީވެ, ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް އެ މުއްދަތަށް ބަދަލު ގެނައުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ބިލު މަޖިލީހަށް ހުށަހެޅި އިރު ސާވިސް ޗާޖު ނަގާނީ މިއަހަރު މާޗު މަހުގެ ނިޔަލަށް ކަމަށް ބުނެފައިވެއެވެ. އަދި ޑިޕާޗާ ޓެކްސް ނަގަން ފަށަން އޮތީ މިއަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ.
ކޮމިޓީން މިހާރު ފާސްކޮށްފައި ވަނީ, ސާވިސް ޗާޖް ނެގުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށްފަހު, އަންނަ އަހަރު ޖެނުއަރީ އެކަކުން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފެށުމަށެވެ.
ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ބޭރަށް ދަތުރު ކުރާ ހުރިހާ ދިވެހިންގެ އަތުންވެސް ޑިޕާޗާ ޓެކްސް ނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ. ނަމަވެސް ދިވެހިންނާއި ބިދޭސީންގެ އިކޮނޮމީ ކްލާސްގައި ނަގާ މިންވަރު ތަފާތެވެ. ހަތަރު ކުލާހަކަށް ކެޓަގަރީކޮށްފައިވާއިރު, ދެން ހުރި ކުލާސްތަކުން ދިވެހިންނާއި ބިދޭސީންގެ އަތުން އެއް އަދަދެއް ނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ.
އެގޮތުން އިކޮނޮމީ ކްލާަސްގައި ދަތުރު ކުރާ ދިވެހިންގެ އަތުން ޑީޕާޗާ ޓެކްސްގެ ގޮތުގައި ނަގާނީ 12 ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން ނަގާނީ 30 ޑޮލަރެވެ.
ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަދި ބިދޭސީންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާނީ 60 ޑޮލަރެވެ. ފަސްޓު ކުލާހުގައި ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުކުރާ މީހުންގެ އަތުން ނަގާނީ, 120 ޑޮލަރު ކަމަށް ބިލުގައި ބުނެފައިވެއެވެ.
ޑިޕާޗާ ޓެކްސް އިސްތިސްނާ ވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާސްސިޓް ފަސިންޖަރުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނަށެވެ.
ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވަލޮމްޕަންޓު ފީގެ ގޮތުގައި މިހާރު ނަގަމުން އަންނަނީ, 12 ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން ނަގަނީ, 25 ޑޮލަރެވެ. އެ ރޭޓުގައި ޓެކްސް ނެގުން މާޗުގެ ނިޔަލަށް ހުއްޓާލުމަށްފަހު, ފަސިންޖަރުން ފުރާ ކުލާހަށް ބިނާކޮށް އެޕްރީލް އެކަކުން ފެށިގެން ޓެކްްސް ރޭޓަށް ބަދަލު ގެނައުމަށް ބިލު ހުށަހެޅި އިރު ހިމަނާފައިވެއެވެ.
ކޮމިޓީން ބިލު ފާސް ކުރީ, މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވަލޮމްޕަންޓު ފީގެ ރޭޓުގައި މިހަރުގެ ނިޔަލަށް ނެގުމަށެވެ. އަދި ފަސިންޖަރުން ފުރާ ކުލާހަށް ބިނާކޮށް ޖެނުއަރީ އެކަކުން ފެށިގެން އެ ޓެކްްސް ރޭޓަށް ބަދަލު ގެނައުމަށެވެ.
އެއާޕޯޓު ޑިވަލޮމްޕަންޓު ފީއިން ދިވެހިންނާއި ބިދޭސީންގެ އިކޮނޮމީ ކްލާސްގައި ނަގާ މިންވަރު ތަފާތެވެ. ހަތަރު ކުލާހަކަށް ކެޓަގަރީކޮށްފައިވާއިރު, ދެން ހުރި ކުލާސްތަކުން ދިވެހިންނާއި ބިދޭސީންގެ އަތުން އެއް އަދަދެއް ނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ.
އެގޮތުން އިކޮނޮމީ ކްލާަސްގައި ދަތުރު ކުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވަލޮމްޕަންޓު ފީގެ ގޮތުގައި ނަގާނީ 12 ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން ނަގާނީ 30 ޑޮލަރެވެ.
ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަދި ބިދޭސީންގެ އަތުން އާޕޯޓު ޑިވަލޮމްޕަންޓު ފީގެ ގޮތުގައި ނަގާނީ 60 ޑޮލަރެވެ. ފަސްޓު ކުލާހުގައި ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ މީހުންގެ އަތުން ނަގާނީ, 120 ޑޮލަރު ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާގޮތުން, މިރާއިން ކަނޑައަލާ އުސޫލެއްގެ ދަށުން, އެއާޕޯޓު ސާވިސް ޗާޖާއި އެއާޕޯޓު ޑިވަލޮމްންޓް ފީ އަދި ޑިޕާޗާ ޓެކްސް ނެގުމަކީ, އެ ފަސިންޖަރަކު ފުރާ އެއާލައިނެއްގެ ޒިންމާއެކެވެ.
އެ ބިލު ފާސްވެ, އިސްލާހުތަކާ ގުޅިގެން ހަދަން ޖެހޭ ގާނޫނުތައް ތިން މަސްދުވަސް ތެރޭ ހަދަން ޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ.
ބިލު ކޮމިޓީން ފާސްކޮށްފައިވާއިރު, އަދި މިހާތަށް ކޮމިޓީ ރިޕޯޓު މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ނުވެ އެވެ. ބިލުގައި ގެނެސްފައިވާ އިސްލާހުތަކަށް އަމަލު ކުރަން ފެށޭނީ, ބިލު މަޖިލީހުގެ ޖަލްސާއިން ފާސްވެ, ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުންނެވެ.