ބަލިމީހާއަށް އަނިޔާކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ބަލިމީހާއަށް އަނިޔާ ކުރަމުންދާ މަންޒަރު —

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް ބަލިމީހަކަށް އަނިޔާކުރި ބަނގުލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ބާއްވާފައި އޮތް ބަލިމީހާއަށް އެމީހާ ބަލަން އޭނާގެ އައިލާއިން ފޮނުވާފައި ހުރި ބަނގްލަދޭޝް މީހާ އަނިޔާކުރާ ވީޑިއޯ އާންމުވެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެއާއެކު ފުލުހުން ވަނީ އެ ބަނގުލަދޭޝް މީހާ ހައްޔަރުކޮށްފައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ ގައިގާ، އޭނާ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި، ބަލިމީހާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރިފް ޚާން ޖެހި މައްސަލައިގައި، ޝަރިފް ޚާންގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެެވެ.

އެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޝަރިފް ޚާން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯއިން ފެންނަނީ ޝަރިފް ޚާން އެ ބަލިމީހާގެ ގައިގައި ވަރަށް ބާރަށް ޖަހާ މަންޒަރެވެ. ޖެހުމުން އޭނާ ރޮއި އަޑާއި މަންޒަރުވެސް އެ ވީޑިއޯއިން ފެނެ އެވެ.

comment ކޮމެންޓް