ޖުލައި މަހުން ފެށިގެން މާލޭގައި ހިންގާ ކާފިއު ވަގުތު ކުރު ކުރުމަށް ނިންމައި, ބޭރަށް ނުކުތުމަށް ފާސް ބޭނުން ނުވާ ގޮތަށް ހަދާނެކަން އިއުލާނުކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވި ގޮތުގައި މި ފެށޭ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގައި ކާފިއު ހިންގާނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ކަމަށެވެ.
އަދި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް މިހާރު ބޭނުންވާ ފާސް ބޭނުންކުރުން ހުއްޓާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުންނަން ފާސް ބޭނުން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު މާލެ ސަރަހައްދުގައި ކާފިއުު ވަގުތަކީ ހަވީރު ހަޔަކުން ފަތިހު ހަތަރަކަށެވެ. އެނޫން ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވެނީ ހާއްސަ ހުއްދަ އަކާއެކު އެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރީ މެއި މަހުގެ ތެރޭގައި މާލެ ސަރަހައްދު ހިމެނޭހެން ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖުލައި އެކަކުން ފެށިގެން، މާލެ ސަރަހައްދުގެ ކާފިއު ވަގުތު ކުޑަކޮށް ބޭރަށް ނިކުމެ އުޅުމަށް ލުއި ދިންއިރު، ކާފިއު ނޫން ވަގުތުތަކުގައި ހުރިހާ ވިޔަފާރިއެއް ހުޅުވާލަންވެސް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލަން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާއިރު ކާފިއު ނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތް ދޭން ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. މިހާރު ކެފޭ ރެސްޓޯރެންޓުތަކުން ދެވެނީ ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެވެ.
އިތުރަށް ދޭން ނިންމި ލުއިތަކުގެ ތެރޭގައި ކޮވިޑް ޖެހި ރަނގަޅުވެފައި ތިބޭ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމަށް ދިން ލުއި ހިމެނެ އެވެ.
މި ލުއިތައް ދޭން ނިންމާފައިވަނީ މާލެ ސަރަހައްދިގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ފާއިތުވި ދެ ހަފްތާ ތެރޭ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށެވެ.