ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެއްކޮށް، މާލޭއިން ތިން މީހުން އިއްޔެ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫފޭދޫ، ނަސީމީގޭ، މުޙައްމަދު ޝާނީޒް (46އ) އާއި މ. ސައިރިއަސް، މުޙައްމަދު ޠިބާޤް (39އ)އާއި ވ. ރަކީދޫ، ޖަންބުގެ، ފަރީދާ ޢަބްދުއްރަޙްމާން (35އ)އެވެ.
މި މައްސަލާގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޠިބާޤާއި ފަރީދާ 15 ދުވަހަށް ބަންދުކޮށް، ޝާނީޒް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮފަރޭޝަންގެ ދަށުން ފުލުހުން މާފަންނުގެ ގެއެއް ބަލައިފާސްކޮށްފައިވާއިރު، ވަގުތީ ބަރުދަނުގައި 1.5ގެ ތަކެތި އެ ތަނުން ފެނުނު ކަމަށް މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އޭގެ ތެރެއިން އެ ތަކެތި އެތެރެ ކުރުން ހުއްޓުވުމާއި، އޭގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.