ކާނިވާ ސަރަޙައްދުގައި އައު ސްޓޭޖު ހަދަން ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

ކާނިވާ ސަރަޙައްދުގައި އަލަށް ހަދާ ސްޓޭޖްގެ ކުރެހުން ދައްކާލައިފި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލެ ސީޓީގެ ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު, އައު ސްޓޭޖެއް ހެދުމަށް ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އައު ސްޓޭޖުގެ މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ، މިދިޔަ ހުކުރު ދުވަހު ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

ކައުންސިލުން އެ މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ، ހުކުރު ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ބަންދު ދުވަސްތަކާއެކު ޖުމްލަ 140 ދުވަހަށް ހަވާލުކުރި އެ މަސައްކަތުގެ އަގަކީ ޖީއެސްޓީއާއެކު 4.84 މިލިއަން ރުފިޔާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އައު ސްޓޭޖްގެ ފޮޓޯއަކާއެކު، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ އެ ސްޓޭޖް ދެން ފެންނާނީ، އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

ކާނިވަލުގެ އައު ސްޓޭޖްގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރު ކަމާ އާޒިމް ހަވާލުވެ ވަޑައިގަތުމަށް ފަހު، މިހާރު އޮތް ކައުންސިލުން ފާސްކޮށްގެން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.

ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ނަމަވެސް، އެތަން އެކިއެކި އިޖުތިމާއީ ހަރަކާތްތަކަށާއި، ސްޓޭޖް ޝޯތަކުގެ އިތުރުން ސިޔާސީ ހަރަކާތްތައް ހިންގުމަށް ވެސް ބޭނުންކުރެއެވެ.

comment ކޮމެންޓް