ޑެލްޓާ ވޭރިއެންޓާ ހެދި އިނގިރޭސިވިލާތުގެ ފްލައިޓުތައް ހޮންކޮންގަށް ދިޔުން މަނާކޮށްފި

ބުރާސްފަތި ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ހޮންކޮންގަށް ވައިގެ ދަތުރު ކުރުން ވަނީ މަނާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ހޮންކޮންގް (ޖުލައި 29): ހޮންކޮންގުގައި ކޮވިޑް-19އިގެ ޑެލްޓާ ވޭރިއެންޓު ފެތުރުން އިތުރު ވެދާނެތީ އިނގިރޭސިވިލާތުގެ ފްލައިޓުތައް ހޮންކޮންގަށް ދިޔުން މަނާ ކުރަން ނިންމައިފި އެވެ.

އިނގިރޭސިވިލާތަކީ މިހާރު ޔޫރަޕުން ކޮވިޑްގެ ކޭސްތައް ދުވާލަކަށް އެންމެ ގިނަ އަދަދަކަށް ފެންނަމުންދާ ގައުމެވެ. އޭގެ ތެރެއިން ގިނަ ކޭސްތައް ގުޅިފައި ވަނީ އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓާ އެވެ. އަދި ހޮންކޮންގުން ވަނީ އިނގިރޭސިވިލާތުން އެ ސިޓީއަށް ދާ މީހުންގެ ފަރާތުން ޑެލްޓާ ވޭރިއެންޓްގެ ކޭސްތައް ފެންނަ މިންވަރު އިތުރު ވެފައިވާ ކަމަށް ބުނެފަ އެވެ.

އޭގެ ސަބަބުން ހޮންކޮންގުން ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އިނގިރޭސިވިލާތުން އެ ސިޓީއަށް ފްލައިޓުތައް ދިޔުން މަނާކޮށްފަ އެވެ. ނަމަވެސް ހޮންކޮންގުން އިނގިރޭސިވިލާތަށް ދަތުރު ކުރުން ހުއްދަ ވާނެ އެވެ.

ހޮންކޮންގުން މީގެ ކުރިން ވަނީ ޑެލްޓާ ވޭރިއެންޓް ފެތުރެމުންދާ އެހެން ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ފިލިޕީންސްގެ ފްލައިޓުތައް އެ ސިޓީއަށް ދިޔުން މަނާކޮށްފަ އެވެ.

ހޮންކޮންގުން އިނގިރޭސިވިލާތުގެ ދަތުރުތައް ހުއްޓުވާފައި ވަނީ، ޗައިނާގެ އަމަނާ ބެހޭ ގާނޫނު ދަށުން އެ ސިޓީން އިދިކޮޅު މީޑިއާތަކާއި ޗައިނާގެ ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ނުރުހުން ފާޅު ކުރަމުން ދަނިކޮށެވެ.

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެ އެވެ.

އިނގިރޭސި ސަރުކާރުން ބުނާ ގޮތުގައި އެ ގާނޫނުގެ ސަބަބުން ހޮންކޮންގްގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމަށް ހުރަސް އެޅެ އެވެ. އަދި އެ ގާނޫނު ފާސްކޮށްފައި ވަނީ އެގައުމުން ހޮންކޮންގް، ޗައިނާއާ ހަވާލު ކުރި އިރު ހެދި އެއްބަސްވުމާ ހިލާފަށެވެ.

ހޮންކޮންގުގައި 1841 އިން 1997އަށް އޮތް އިނގިރޭސި ވެރިކަން ނިމުމަކަށް ގެނެސް، އެ ސަރަހައްދު ޗައިނާއާ ހަވާލު ކުރި އިރު ދެ ގައުމުން ހެދި އެއްބަސްވުމުގައި ވަނީ 2047އާ ޖެހެންދެން އެ ސަރަހައްދުގައި "އެއް ގައުމެއް، ދެ ނިޒާމެއް"ގެ އުސޫލު ގެންގުޅުމަށް ޝަރުތުކޮށްފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ އެހެން ސަރަހަައްދުތަކަށް ނުލިބޭ މިނިވަންކަމެއް ހޮންކޮންގަށް ލިބެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި އަމިއްލަ ޖުޑިޝަރީއެއް އޮތުން ހިމެނެ އެވެ.

ނަމަވެސް ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ވަނީ އަމަނާ ބެހޭ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް