ހޮންގްކޮންގްއިން ބޮޑެތި އަދަބުތައް ހިމެނޭ، ގައުމީ ސަލާމަތާބެހޭ ބިލެއް ފާސްކޮށްފި

ހޮންގްކޮންގް އިން ވަނީ ބޮޑެތި އަދަބުތައް ހިމެނޭ ގައުމީ ސަލާމަތާބެހޭ ބިލެއް ފާސްކޮށްފައި. ފޮޓޯ/އެމްނެސްޓީ އިންޓަނޭޝަނަލް

ޚިޔާނާތާއި ގައުމަށް ގައްދާރުވުންފަދަ ކުށްތަކުގައި އުމުރަށް ޖަލަށް ލުމާއި ދައުލަތުގެ ސިއްރުތައް ވަގަށް ނެގުމުގެ ކުށުގައި 20 އަހަރަށް ޖަލަށްލުން ފަދަ ބޮޑެތި އަދަބުތައް ހިމެނޭ ގޮތަށް، ގައުމީ ސަލާމަތާބެހޭ ގާނޫނެއް ހޮންކޮންގްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ހޮންކޮންގްއިން އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަން ނިންމާފައިވާ ގާނޫނުގެ ދަށުން ފަސް ކެޓަގަރީއެއްގައި ހިމެނޭ އެތައް ކުށަކަށް އަދަބު ދެވޭގޮތް ވަނީ ހަމަޖައްސައިފައެވެ. އެ ފަސް ކެޓެގަރީއަކީ ގައްދާރުވުން، ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން އުފެއްދުން، ދައުލަތަށް ޖާސޫސު ކުރުމާއި ސިއްރުތައް ވަގަށް ނެގުން، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލު ކުރުން އަދި ހޮންކޮންގްއިން ބޭރުން އެ ސިޓީގެ ކަންކަމަށް ނުފޫޒު ފޯރުވުން ވެސް ހިމެނެއެވެ.

ހޮންކޮންގްގެ ވެރިޔާ، ޗީފް އެގްޒެކެޓިވް ޖޯން ލީ ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ޖާސޫސީ ހަރަކާތްތަކާއި، ބޭރުގެ ޖާސޫސީ އިދާރާތަކުން ރާވާ ރޭވުންތަކާއި، އެނޫންވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންތައްތައް ހުއްޓުވައި، އަދަބު ދިނުމުގެ ފުރުސަތު ހޮންކޮންގަށް ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް އެމެރިކާ، އިނގިރޭސިވިލާތް އަދި ވިލާތުގެ އިއްތިހާދު (އީޔޫ) އިންވަނީ އެ ގާނޫނާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ ގާނޫނުގެ ސަބަބުން ހޮންގްކޮންގްގައި އޮތް މިނިވަންކަން އިތުރަށް ހަނިވެދާނެ ކަމަށް ބުނެފައެވެ.

އދ.އިން ހައްގުތަކަށް ކުރާ މަސައްކަތްތަކުގައި އިސްކޮށް ހުންނަވާ ވޯލްކާ ޓާކް ވަނީ އެ ގާނޫނު ފާސްކުރީ ވަރަށް އަވަސްއަރުވާލައިގެން ކަމަށް ވިދާޅުވެ، އެއީ އިންސާނި ހައްގުތައް ހިމާޔަތްކުރުމުގައި އެއް ފިޔަވަޅު ފަހަތަށް އެޅުމުގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ހޮންކޮންގްއިން ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް ފާސްކުރަން 2003ގައި ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ގާނޫނާ ދެކޮޅަށް އާންމުން ބޮޑެތި މުޒާހަރާތައް ބޭއްވުމުން އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް