ހޮންކޮންގެ މޮޑެލްއެއް ކަމަށްވާ އެބީ ޗޯއީ މަރާލި މައްސަލައިގެ ހެކި ހޯދުމަށް، އެ ގައުމުގެ ޓާ ކްވޫ ލިންގްގައި ހުރި ކުނިކޮށްޓެއް ބެލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި ތަހުގީގުގައި އެ ގައުމުގެ 100އަށް ވުރެ ގިނަ ފުލުސް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
އުމުރުން 28 އަހަރުގެ ޗޯއީ ގެއްލިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނުނީ ހުކުރު ދުވަހުއެވެ.
ހޮންކޮންގެ ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ އެ ސިޓީގެ ޓައި ޕޯ ޑިސްޓްރިކްޓްގައި، ކުއްޔަށް ދޫކޮށްފައި ހުރި ގެއެއްގެ ތެރޭ ހުރި އައިސްއަލަމާރިއެއްގެ ތެރެއިންނެވެ. އެތަނުން ކަރަންޓު ކީހަކާއި މަސް ކޮށަން ބޭނުންކުރާ މެޝިނެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އަދިވެސް އަންނަނީ ޗޯއީގެ ހަށިގަނޑުގެ އިތުރު ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ ސުޕްރިންޓެންޑެންޓް އެލަން ޗަންގް ނޫސްވެރިންނާ ވާހަކަދައްކަމުން ވިދާޅުވީ ޝައްކުކުރެވޭ މީހުން ވަނީ މިމަހުގެ 22 ވަނަ ދުވަހު، މުހިންމު ހެކިތައް ލިބޭނެ ބައެއް ކޮތަޅުތައް އެ ކުނިކޮށްޓަށް އެއްލާލާފައި ކަމަށެވެ. އެއީ ހަށިގަނޑުގެ ބައެއް ބައިތަކަކަށް ވެދާނެކަމަށާއި ނުވަތަ ޗޯއީގެ ހެދުމާއި ފޯނު، ނުވަތަ ހަތިޔާރަށް ވެސް ވެދާނެ ކަމަށް ޗަންގް ވަނީ ވިދާޅުވެފައެވެ.
ޗޯއީ މަރާލައި، އޭނާގެ ހަށިގަނޑުގެ ބައިތައް ވަކިކުރި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އެލެކްސް ކްވޮންގްގެ މައްޗަށް ވަނީ ހޯމަ ދުވަހު ދައުވާކޮށްފައެވެ. އަދި އޭނާގެ އާއިލާގެ ތިން މީހަކު ހައްޔަރުކޮށް، އެ މީހުންނަށް ވެސް ވަނީ ދައުވާކޮށްފައެވެ.
އޭގެ ތެރެއިން ކޮވޮންގް އާއި އޭނާގެ ބޭބެ އާއި ބައްޕަގެ މައްޗަށް ކޮށްފައި ވަނީ ޗޯއި މަރާލުމުގެ ދައުވާއެވެ. އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ ކްވޮންގްގެ މަންމަ، ޖެނީ ލީއެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ތަހުގީގަށް ހުރަސް އެޅުމުގެ ދައުވާއެވެ.
އެ މައްސަލާގައި ފުލުހުން ބުނީ ޗޯއިއާއި އޭނާގެ ކުރީގެ ފިރިމީހާއާ ދެމެދު 100 މިލިއަން ހޮންކޮން ޑޮލަރުގެ މައްސަލައެއް އުޅޭ ކަމަށެވެ. އަދި ޗޯއިގެ ފައިސާގެ މުއާމަލާތްތަކާ މެދު "ކޮންމެވެސް ބަޔަކު" ނުރުހުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗޯއި އާއި އޭނާގެ ކުރީގެ ފިރިމީހާގެ ދެ ދަރިން ތިބެއެވެ. ފުލުހުން ބުނި ގޮތުގައި އެ ދެކުދިން ތިބީ ޗޯއީގެ މަންމަގެ ބެލުމުގެ ދަށުގައެވެ.
މޮޑެލްއެއްގެ ގޮތުގައި ޗޯއި ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ބައެއްގެ ތައުރީފު ހޯދާފައެވެ. އެންމެ ފަހުން މިދިޔަ މަހު ވެސް ޗޯއި ވަނީ ފްރާންސްގެ ޕެރިހުގައި ބޭއްވި 'އެލީ ސާބް ސްޕްރިންގް ސަމާ 2023' ފެޝަން ޝޯގައި ބައިވެރިވެފައެވެ.